ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމަށް ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރެއްވި ހަމްދީ އަގީލް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.

ހަމްދީ ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަން ހިމެނެއެވެ.

މީގެ އިތުރުންވެސް މިހާރު އުވާލާފައިވާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އާސިމް ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން ކޮމާސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.

ނިމިދިޔަ ސަރުކާރުގައި ޕީސީބީގެ ރައީސް ކަން ކުރައްވާފައި ވަނީ އާސިމް މުހައްމަދުއެވެ. ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް އައްޔަންކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޕީސީބީގެ ރައީސްކަމަށް އޭނާ އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަގާމުގައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.