1947 ގައި އިންޑިއާ އާއި ޕާކިސްތާން ވަކިވުމާއެކު މުސްލިމުންގެ ބޮޑު އާބާދީއެއް ދިޔައީ ޕާކިސްތާނަށެވެ. މަދުބަޔަކު އިންޑިއާގައި ތާށިވި އިރު ނުވަތަ ނުދެވުނު އިރު އެއް އާއިލާއަކަށް ނިސްބަތްވާ މެންބަރުންވެސް އެގޮތަށް ދެފަޅިއަށް ބެހިގެން ދިޔައެވެ.
އެފަދަ އެއް އާއިލާ އަކީ މިހާރު އުމުރުން 105 އަހަރު ގުނަމުން ދާ ޕާކިސްތާނަށް ނިސްބަތްވާ ހަޖްރާ ބީބީގެ އާއިލާއެވެ. އެ އާއިލާގެ މެންބަރުން ދެފަޅިއަށް ބެހިގެން ދިޔަ އިރު، މިވީ އެތައް ޒަމާނެއްގައި އެމީހުން އެކަކު އަނެކަކާ ބައްދަލުވެތޯ އެތައް މަސައްކަތެއް ކޮށްފައި ވެއެވެ. ނަމަވެސް ދެގައުމުގެ ސަރުކާރުގެ ތެރޭގައި އޮންނަ ސިޔާސީ ވާދަވެރިކަމާ ހުރެ އެއް ފަޅިން އަނެއް ފަޅިއަށް ވަދެ ނިކުމެ ހެދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ފޯނުން ވާހަކަ ދެއްކިޔަސް ސަރުކާރުގެ އިދާރާތަކުން އެ ކޯލްތައް އަޑުއެހުމާއި ގިނަ ފަހަރަށް ނުގުޅި ދިޔުން ފަދަ ކިތަންމެ ދަތި އުނދަގުލެއް ހުރެއެވެ.
1947 ގެ އެ ވަކިވުމާއެކު އެއްފަޅިން އަނެއް ފަޅިއަށް [އެއްގައުމުން އަނެއް ގައުމަށް] ދަތުރު ކުރާ މީހުން ޖަލުގައި ބައްދުކުރުމާއި ހަބަރެއް ދަބަރެއް ނުވެ އެތައް ޒަމާނެއްވާންދެން ބޭތިއްބުން ފަދަ ކިތަންމެ ކަމެއްވެސް ހިނގަމުން ދެއެވެ.
ޕާކިސްތާންގެ ހަޖްރާ ބީބީ އާއި މާމަ ދަރިދުޅު، މިހާރު އުމުރުން 60 އަހަރުވެފައި ވާ ހަނީފަން އާ ބައްދަލުވުމުގެ ނަސީބު މިންވަރު ކުރެއްވީ މާތްވެގެންވާ މައްކާގެ ހަރަމްފުޅުންނެވެ. ހަނީފަން އަކީ އިންޑިއާގައި ދިރިއުޅޭ އޭނާގެ ކޮއްކޮ މަޖީދާގެ އަންހެން ދަރިއެކެވެ.
އިންޑިއާ އާއި ޕާކިސްތާން ވަކިވި އިރު ދެފަރާތަށް ބެހިގެން ދިޔަ އެއާއިލާ އެތައް ފަހަރަކު ބައްދަލު ކުރަން މަސައްކަޔް ކުރި ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސަބަބުތަކެއް ކުރިމަތިވެ އެ މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. އަދި ވިސާ ބޭނުންވުނާ ދެގައުމު ގުޅޭ ސަރަހައްދެއް ކަމަށް ވާ ގްރްދުވާރާ ދަރްބާރު ސާހިބްގައިވެސް ބައްދަލުވޭތޯ އެތައް މަސައްކަތެއް އެމީހުން ކޮށްފައި ވެއެވެ. އެއީ ޕާކިސްތާނާއި އިންޑިއާ ގުޅޭ އިމުގައި އޮންނަ ސަރަހައްދެކެވެ. އެތަނުން ބައްދަލުވާން ކުރި މަސައްކަތްތައް ވެސް ފެނަށް ދިޔައީ ކޮންމެހެން ބޭނުންވާ ލިޔެކިޔުން ހަމަނުކުރެވިގެންނެވެ.
މައްކާގެ ބިމުން އެ ދެމައިން މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުވުމުން ދެމައިންނަށް ވެސް ރޮވުނެވެ. ހަނީފަން އޭނާގެ މާމަގެ ކަރުނަތައް ފުހެދެމުން ދިޔައެވެ. އެ މަންޒަރު ކެމެރާތަކަށް އަރާފައި ވާ އިރު އެއީ އަސަރުން ފުރިގެންވާ މަންޒަރެކެވެ. އެތައް ޒަމާނަކަށް ވަކިވެގެން ދިޔަ އާއިލާ ބައްދަލުވެ މާމަ އާއި މާމަ ދަރިފުޅު އެކުގައި ވުމުން ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގެއެވެ.
ހަނީފަން ދިރިއުޅެމުން ދިޔައީ އިންޑިއާގެ ޕަންޖާބުގެ ކަޕުރުތަލާގައެވެ. ވިސާ ހައްދައިގެން ހަނީފަން މާމަ އާ ބައްދަލުކުރަން ދާންވެސް މީގެ ކުރިން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ހަމަލޮލަށް ނުފެނި އެ މުހުތާދު ފުދިގެން ދިޔައީ މިދިޔަ އަހަރުގެ ޖޫން މަހު ކުރީ ވީޑިއޯ ކޯލަކުންނެވެ. އެއީ އެ ދެމައިން ވަކިވި ފަހުން ސްކްރީނުންވެސް ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެއެވެ. އެ ކޯލުގައި ހަޖްރާ އެހީ އޭނާގެ ކޮއްކޮ މަޖީދާ ކޮބާތޯއާއި މަޖީދާ މަރުވެފައި ވާ ކަމުގެ ހަބަރާ އެކު ހަޖްރާ ބީބީގެ ހިތް ފަޅައިގެން ދިޔައެވެ. އެ ކޮއްކޮ ދުނިޔެ ދޫކޮށް ދިޔައީ ދައްތަ ނުފެނިއެވެ.
އެއާއެކު ދެން ދުވަހަކުވެސް އެ ދެމައިން [ހަޖްރާ އާއި ހަނީފަން] ވެސް ބައްދަލު ނުވާނެ ކަމަށް ދެކި އުއްމީދު ކަނޑާލިއެވެ. ނަމަވެސް އެމީހުންނަށް އުއްމީދެއް ލިބި ހަމަލޮލުން ދެކި ދެމައިން ބައްދާލަން ފުރުސަތު ފަހިވެގެން ދިޔައީ އެމެރިކާގައި ދިރިއުޅޭ ޕާކިސްތާންގެ ޔޫޓިއުބަރެއް ކަމަށް ވާ ނާސިރު ދިލޮން އަން އެ ދެމެގައިންގެ ވާހަކަ އެނގި ކޮށްދިން މަސައްކަތުންނެވެ.
އޭނާ އެ ދެމައިންނަށް އެހީތެރިވެ، މައްކާގެ މާތް ބިމަށް އުމްރާއަކަށް ދިޔުމުގެ މަގު ފަހިކޮށްދިނެވެ.