ރޯދަމަހުގެ ކުރިން ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތަށް ދުވަސްތައް ތާވަލްކުރާއިރު މަޖިލިސްގެ އިންތިހާބު ބާއްވަން ޖެހެނީ މާޗު 30 ގައި ކަމަށާއި އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި ރޯދަ މަހުގެ ފަހު ދިހަ ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް އިންތިހާބު ބާއްވާފިނަމަ ރޯދަ މަހުގެ ތެރޭގައި ކެމްޕެއިން ކުރުމާއި އެހެނިހެން ކަންކަމަށްވެސް ތަކުލީފުތަކެއް ލިބިގެންދާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އީސީގެ މުވައްޒަފުންނަށްވެސް އިންތިހާބާ ބެހޭ މަސައްކަތްތައް ކުރަން ޖެހުމަކީ ވަރަށް ބޮޑަށް އުދަނގޫ ކަމެއް ކަމަށާއި އެހާ ގިނަ ވަގުތީ މީހުން ހޯދަން ޖެހޭއިރު އާދައިގެ ފަހަރު ފަހަރުވެސް މީހުން ހަމަކުރެވެނީ ވަރަށް އުދަގުލުން ކަމަށެވެ. އަދި ފުވާދު ވަނީ އެއް މަސް ދުވަހުގެ ކުރިން މި އިންތިހާބު ބޭއްވިއްޖެ ނަމަ ވަރަށް އޮމާންކޮށް މިކަން ނިމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ފުވާދު ވިދާޅުވީ ގާނޫނުގައި ބުނެފައި އޮންނަ ގޮތުން އިންތިހާބުގެ މަސައްކަތްތައް ފެށެނީ 120 ދުވަހަށް ވުމުން ކަމަށާއި 19 ވަނަ މަޖިލިސް ހުވާކޮށްފައިވަނީ 28 މޭ ގައި ކަމުން 120 ދުވަހަށް ބަލާފިއްޔާ އެ މަސައްކަތް ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި ހިނގަމުންދާ މަޖިލީހުގެ 30 ދުވަހުގެ ކުރިން އޭޕްރީލްގެ 28 ގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވާ އެންމެހޭ ކަންކަން ނިންމަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30 އިން ފެށިގެން ކަމަށާއި ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ނަންތައް އިއުލާންކުރެވޭނީ ފެބްރުއަރީ 15 ވަނަ ދުވަހު ކަމަށެވެ.
ހަބީބް ވިދާޅުވީ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17 ވަނަ ދުވަހު ކަމަށެވެ.
ހަބީބް ވިދާޅުވީ ވޯޓުލާ ތާރީހަކީ ކުރިމަތިލާ މީހުންގެ ނަންތައް އިއުލާންކުރާ ހިސާބުން ފެށިގެން 30 ދުވަސް ކަމަށްވާއިރު އެހެންކަމުން އިންތިހާބު ބޭއްވެން އަންނަނީ މާޗު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެހެން ނަަމަވެސް މާޗު 17 އިން 28 އިން ގްރޭޑް 10 ގެ މޮކް ޓެސްޓް ސްކޫލްތަކުގައި ކުރިއަށްދާތީ ވޯޓުލާ މަރުކަޒު ނުލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ސްކޫލް ކުދިންގެ ޓެސްޓަށްފަހު އެންމެ އަވަހަށްވެސް އިންތިހާބު ބޭއްވެން އޮތީ މާޗު 30 ވަނަ ދުވަހު ކަމަށާއި އޭޕްރީލް މަހު 8 ވަނަ ދުވަހު ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު 15 ވަނަ ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ގާނޫނުން ބުނެފައިވުމާއެކު އިތުރު ބުރެއް ބޭއްވޭނީ އޭޕްރީލް 20 ގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އެ ބުރުގެ ރަސްމީ ނަތީޖާ 27 އޭޕްރީލްގައި އިއުލާން ކުރާއިރު ގާނޫނުގައި ބުނާ މޭ މަހުގެ 28 ގައި ދެމެދު އޮންނަން ޖެހޭ 30 ދުވަސް ކިރިޔާ ލިބެނީ ކަމަށް ހަބީބް ވިދާޅުވިއެވެ.
އީސީއިން ވަނީ ގާނޫނުގައި ބުނާ 120 ދުވަސް 140 ދުވަހަށް ބަދަލުކޮށް ދީފި ނަމަ އިންތިހާބަށް އަވަހަށް އިއުލާންކުރެވިދާނެކަން ފާހަގަކޮށްފައެވެ. އަދި ގާނޫނަށް ބަދަލު ނުގެނެސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ނޫން ގޮތަކަށް ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އީސީއިން ފާހަގަކުރެއެވެ.
ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަކޮށްފައެވެ.