މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމު ފަރުދުންނާ އަދި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް، އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެ ގޮތް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނީ މިހާރު އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ވެރިފައިވެގެން، އެމްއެމްއޭއިން އޮންލައިންކޮށް ކްރެޑިޓް ރިޕޯޓު ނެގޭނެކަމަށެވެ.

ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވަނީ މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހެދުމުން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުންވެސް އެމްއެމްއޭއިން ވަނީ ހުއްޓާލާފައެވެ.

އޭރު އެމްއެމްއޭ އިން ބުނީ ކްރެޑިޓް ރިޕޯޓަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅުމުން މަސައްކަތު 3 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެކަމަށެވެ.

އީފާސް ނިޒާމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެކެވެ. ދައުލަތުގެ ސިންގަލް ސައިން-އޯން ޕްލެޓްފޯމް ކަމަށްވާ އީފާސް ތައްޔާރުކޮށްފައިވަނީ ސަރުކާރުންދޭ ހިދުމަތް ހަލުވި ކުރުމަށާ އަދި ރާއްޖޭގެ އީ-ގަވަރމަންޓް ނިޒާމް ގާއިމްކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.