އިޒްރޭލު ލައްވާ ގާޒާއަށް ހަމަލާދެމުން, އަދި ޔޫކްރައިން ލައްވާ ރަޝިއާއާ ހަނގުރާމަ ކުރުމުގެ އެޖެންޑާ ކުރިއަށް ގެންދާ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ކުއްލިއަކަށް ޔޫކްރައިން އަށް ވަޑައިގެންފިއެވެ.
ސަޕްރައިޒް ދަތުރެއްގައި ޔޫކްރައިން އަށް ވަޑައިގެން އޭނާ ވިދާޅުވީ, އެމެރިކާ އަބަދުވެސް އޮންނާނީ ޔޫކްރައިން އާ އެކުގައި ކަމަށާއި, ޔޫކްރައިން – ރަޝިއާ ހަނގުރާމަ އަކީ ދުނިޔޭގެ މަސްލަހަތުގެ އިތުރުން އެމެރިކާގެ މަސްލަހަތާ ގުޅިފައި ވާ ހަނގުރާމައެއް ކަމަށެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓުމަންޓުގެ ހަބަރުތައް ގެންނަ ނޫސްތަކުން ބުނީ, އޮސްޓިންގެ މިދަތުރަކީ ޔޫކްރައިން އަށް ހިތްވަރު ދެއްވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ޔޫކްރައިން އަށް މިވަގުތަށް ބޭނުންވާ އަސްކަރީ އެހީއާ ބެހޭގޮތުން ޔޫކްރައިންގެ އޮފިޝަލުންނާ އޭނާ މަޝްވަރާ ކުރެއްވި ކަމަށާއި މެދުއިރުމަތީގެ ހަމަނުޖެހުމާ އެކުވެސް ޔޫކްރައިން އަށް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ ދަތުރާ ބެހޭ ގޮތުން ސީއެންއެންއާ ވާހަކަ ދެއްކި އޮފިޝަލަކު ބުނީ, މިވަގުތުން ވަގުތަށް ޔޫކްރައިން އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދިގުދެމިގެންދާ އެހީތެރިކަންވެސް އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ފިނި މޫސުމުގައި ރަޝިއާއިން ޔޫކްރައިންގެ މުހިންމު އިންފްރާސްޓްރަކުޗާ ތަކަށް ހަމަލާ ދީ ހަލާކު ކޮށްލި ކަމަށާއި މިއަހަރު އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި އެޑްވާން ހަރިޔާރާއި ދިފާއީ ނިޒާމުތައް ފިނިމޫސުމުގެ ކުރިން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޮސްޓިންގެ މިދަތުރުގައި ޔޫކްރައިންގެ ސިފައިންނާއެކު ހަރަކާތްތެރިވާ އެމެރިކާގެ 25 އޮފިސަރަކާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ, އެމީހުން ޔޫކްރައިންގައި އަދާކުރަމުން ދަނީ މުހިންމު ދައުރެއް ކަމަށާއި އެންމެ އެދޭ ގޮތަށް ކަންކަން ކުރިއަށް ނުދިޔަ ނަމަވެސް އެމީހުން އެތާނގައި ތިބުމަކީ ކަންކަން އިންތިޒާމުކޮށް ރާވާ ކުރިއަށް ގެންދަން މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ޔޫކްރައިން ކުރަމުން ދާ ހަނގުރާމަ އަކީ ގައުމެއްގެ ހައިސިއްޔަތުން އެމީހުން ދިރިތިބުމަށް ކުރާ ހަނގުރާމައެއް ކަމަށާއި އެމެރިކާއިން ޔޫކްރައިން ދޫކޮށް ނުލާނެ ކަމަށެވެ.
އެމެރިކާ އަކީ ޔޫކްރައިން އަށް އެންމެ ބޮޑަށް މަދަދު ދޭ އެއް ގައުމަށް ވާއިރު އެމެރިކާގެ އެޑްވާންސް އަސްކަރީ ސިސްޓަމްތަކާއި ޓޭންކަރުތައް މިހާރުވެސް ޔޫކްރައިންގައި އޮޕަރޭޓް ކުރަމުން ގެންދެއެވެ. އަދި މާލީ އެހީތެރިކަމާއި ބިލިއަން ބިލިއަން ޑޮލަރުގެ އަސްކަރީ ޕެކޭޖްތައް ދަނީ ފޯރުކޮށް ދެމުންނެވެ.
ޔޫކްރައިން ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު ރަޝިއާ އިން ވަނީ ޔޫކްރައިންގެ އަސްކަރީ ގުދަނަކަށް ހަމަލާ ދީ އެތަން ގޮއްވާލާފައެވެ. އަދި ޔޫކްރައިން އާއި ރަޝިއާގެ ފައުޖުތައް އެއްގަމު މަގުން ކުރިމަތިލަމުން ގެންދާ އިރު އެ ހަމަލާތައް ބަދަލުކުރަމުން ދަނީ ދެގައުމު ގުޅޭ ބޯޑަރުގެ ޖަންގަލިތަކުގެ ސަރަހައްދުގައެވެ. މީގެ އިތުރުން ޑްރޯން ހަމަލާ އުފައްދާ ދެފަރާތުންވެސް އެއްބަޔަކު އަނެއްބައެއްގެ މަގާމުތަކަށް އަމާޒު ކުރަމުން ގެންދާ އިރު އެކިވަރުގެ ގެއްލުންތައް ލިބެމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.