ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވާތީ ބީއެމްއެލްއިން ސަމާލުވާން އެދިއްޖެއެވެ.

ބީއެމްއެލްއިން ވަނީ އޮޅުވާލައިގެން އީސިމް އެކްޓިވޭޓް ކުރުމަށްވެސް އޯޓީޕީ ހޯދަނީ ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް "ފްރެންޑްސް ލިސްޓް'"ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށެވެ. އެގޮތަށް އެދޭ ފަރާތަކަށް ފައިސާ ފޮނުވިއްޖެނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

ބީއެމްއެލްއިން ބުނީ އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައްވެސް އަންނަނީ ހުށަހެޅުމުން ކަމަށެވެ.

އެގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ. ހަމައެފަދައިން ޓެލެގްރާމާއި ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައްވެސް މި ފާއިތުވި ހަފްތާގައި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.