ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، އެ ޖަމާއަތް ނައްތާ ނުލެވޭނެ ކަމަށާއި، ފަލަސްތީނު ކުރަމުން ދަނީ މުޅި އިންސާނިއްޔަތުގެ ހަނގުރާމައެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވައި ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް އިންސާނިއްޔަތަށް ވީހާ ދުވަހެއް ވެއްޖެ ކަމަށާއި، އދ އުފެދުމަށް ފަހު ވެސް އެ މައްސަލައަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލަން ޖެހޭ ކަމަށާއި، އެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވިލާތުގެ ގައުމުތަކުގައި އަދި އެ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލިސްތަކުގައި އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ދެކޮޅަށް ބަހުސްކޮށް ވާހަކަ ދެކެވެމުން ދެއެވެ.
އިޒްރޭލުން ހޮސްޕިޓަލުތައް ފަދަ އިމާރާތްތައް ސުންނާފަތިކުރަމުން ދަނީ ހަމާސް ހޯދުމުގެ ނަމުގައި އަދި އެ ޖަމާއަތުގެ 'ކޮމާންޑް ސެންޓަރުތައް' ނައްތާލަން ކަމަށް ތަކުރާރުކޮށް އިޒްރޭލުން ބުނަމުން ދިޔަ ނަމަވެސް، އެ ގައުމުން އެ ބުނާ ކޮމާންޑް ސެންޓަރުތައް ހުންނަ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިއަކު ޝައްކެއް ނެތް، ހަމާސް އެއް ފިލުވައެއް ނުލެވޭނެ، ނައްތައެއް ނުލެވޭނެ، އެއީއެކީ އެއް އިޒުރޭލަކަށް ވެސް، އަދި މުޅި ހުޅަނގުގެ ހުރިހާ ބާރަކަށް ވެސް ވާން އޮތް ކަމެއް ނޫން ކަން އިންސާނިއްޔަތު އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު މި އަންނަނީ ދައްކަމުން، މިނިވަންކަމުގެ ރޫހަކީ އިންސާނާ ގައިން ނައްތާލެވޭނެ އެއްޗެއް ނޫން،" ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދަކީ މުޅި އިންސާނިއްޔަތުގެ ހަނގުރާމައެއް ކަމަށް ސިފަކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދު ވެސް ވަކާލާތުކުރައްވާނީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބުމަށް ކަމަށެވެ.