މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު އިޒްރޭލް ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަނަކީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެން އިޒްރޭލްގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިޒްރޭލްގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި 1000 މީހަކު ސޮއިކޮށްފައި ވާއިރު އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އަދިވެސް ކުރިއަށްދާ ކަމަށް ރައިޓް މޫވްމަންޓުން ބުނެއެވެ. އެ ފެޓިޝަނުންގައި މި އަންނަ މަހުގެ 15 ގެ ނިޔަލަށް ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އެއަށްފަހު އެހާތަނަށް ލިބޭ ހުރިހާ ސޮޔަކާއެކު ރައީސްއަށް ޕެޓިޝަން ހުށަހެޅުމަށް ރައިޓް މޫވްމަންޓުން ވަނީ ނިންމާފައެވެ.

މިހާތަނަށް މާލެއިން 10،000 އަށްވުރެން ގިނަ އެ ޕެޓިޝަނުގައި ސޮއެ ކޮށްފައި ވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައިޓް މޫވްމަންޓުން ވަނީ ބުނެފައެވެ. އެ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މިހަރަކާތް އެރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. އަދި އެކަމުގައި ރައިޓް މޫވްމަންޓާއެކިީ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައިޓް މޫވްމަންޓުން ބުނީ މާލޭގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި މިހާތަނަށް އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި ރައިޓް މޫވްމަންޓަށް އެކި ގޮތްގޮތުން އެހީތެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.