ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިމިގްރޭޝަންގެ އޮފިސަރެއްގެ މަގާމުން ދުރުކުރި މުހައްމަދު ޝައްމާން ވަހީދު، އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަން ކޮށްފިއެވެ.
ޝައްމާން މަގާމުން ވަކި ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރާތީ ކަމަށް ބުނެއެވެ. 2008 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަން އޮފިސަރެއްގެ މަގާމު އަދާކުރަމުން އައި ޝަމްއާން މަގާމުން ވަކި ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ޔާމީން ސަރުކާރުން އޭނާ އަށް ހަމަޖައްސާދީފައި ވާ ސްޓޫޑެންޓް ލޯން ވެސް ސޯލިހުގެ ސަރުކާރުން ކެންސަލްކޮށް އޭރު އޭނާ ކިޔަވަމުން ދިޔަ މާސްޓާސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައިސް އޮފީހަށް ނިކުތުމަށް މަޖުބޫރުކޮށް، އޮފީހަށް ނިކުތުމުން މަސައްކަތާ ގުޅުމެއްވެސް ނެތް އިދާރާ އަކަށް (އެޗްއީއޯސީ) އަށް ގަދަ ކަމުން ބަދަލު ކުރި ކަމުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ.
އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލް އަށް ހުށަހަޅުމުން މައްސަލަ ނިންމާފައި ވަނީ ޝައްމާން އާ އެއް ކޮޅަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ފެންނާތީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ޓްރިބިއުނަލް އިން ވަނީ ބުނެފައެވެ.
އެހެންކަމުން އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބަލާ އަދާކުރަމުން އައި ވަޒީފާ އަނބުރާ ރުޖޫއަކޮށްދީ، މަގާމުން ވަކިކުރި ތާރީހުން ފެށިގެން އޭރާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ހަމަޖައްސާ ދިނުމަށް ޓްރިބިއުނަލް އަމުރު ކޮށްފައި ވެއެވެ. ނަމަވެސް ޝައްމާން އަށް އަލުން ވަޒީފައި ދީފައެއް ނުވެއެވެ.
އެއަށްފަހު އޭނާ ފެނިގެން ގޮސްފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑރ. މުހައްމަދު މުއިއްޒުއަށް ކެމްޕެއިން ކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވި މަންޒަރެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ޝައްމާން އަށް އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމު ދެއްވާނެ ކަމަށް އޭރު އަޑު ފެތުރިފައި ވެއެވެ. އޭނާ އަކީ ޔާމީންގެ ވަރަށް ގާތް މީހެކެވެ.
ނިމިދިޔަ ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވީ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) އެވެ.
ފެންވަަރުނެތް މީހުންނަށް ވަޒީފާތައް ބަހަމުން މިދަނީ.