މާލޭ ސިޓީގެ މޭޔަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، ސަރުކާރުން ހުއްދަ ނުދީގެން ކުރިއަށް ނުގެންދެވިފައި ހުރި މަޝްރޫއުތައް ދެން ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާފަންނުގައި ހުންނަ ގަޑިބުރު ހުޅުވުމަށް ބިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވިސްނުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ 2 ފަރާތުގައި މަސައްކަތް ކުރަން ޖެހިވަޑައިގަތުމުން ކައުންސިލްތައް ނުހިނގަނީ ކީއްވެގެންކަން ސާފުވެވަޑައިގެންފައިވާ ކަމަށެވެ.
ކައުންސިލްތަކަށް ހާއްސަ ވުޒާރާއެއް އުފެއްދެވީ ވެސް އެ ސަބަބަށްޓަކައި ކަމަށާއި ދެން ފެނިގެންދާނީ ކައުންސިލްތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސުޕީޑްގައ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ހިނގަމުންދާތަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރިއަށް ގެންދިއުމަށް ހުއްދަ ނުދިން މަޝްރޫއުތައް ވެސް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހާއްސަ ގޮތެއްގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަޝްރޫއުތައް އެއްބަސްވުންތަކާ އެއްގޮތަށް ކުރިއަށް ދާނެކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށާއި އޭގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި އެކިކަހަލަ ބޭނުންތައް ހިފޭފަދަ އުސް ޕާކިން އިމާރާތްތައް އެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު މަގުތަކުގެ ތޮއްޖެހުމަށް ލުއިތަކެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މަގު ހެދުމުގެ މަޝްރޫއު ވެސް ދެން ފެށިގެންދާނެކްން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ކުރުމަށްޓަކައި ބަޖެޓުގައި ވެސް ޖާގަ އުފައްދާފައިވާނެ ކަމަށެވެ. އަދި އެއީ ބޮޑު މަޝްރޫއަކަށްވާތީ ވިސްނުންފުޅު ގެންގުޅުއްވަނީ ބޭރުގެ އެހީ ވެސް ހޯއްދެއްވުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މާލޭގަ މަގުހެދުމުގެ މަޝްރޫއުގެ އިތުރުން މާލޭގަ ދެން ހުރި މުހިންމު ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.