މަޖިލިސް އިންތިހާބަށް 6 މަސް ނެތުމުން ބައި އިލެކްޝަން ނުބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިއްޔެ ހުވާކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ހަ މެންބަރަކު ތިއްބަވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. ޑިފެންސް މިނިސްޓަރުގެ މަގާމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އައްޔަަންކުރެއްވިއިރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އައްޔަން ކުރައްވާފައިވަނީ ލޯކަލް ގަވަނަންސް މިނިސްޓަރަކަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރެއްވިއިރު އިކޮނޮމިކް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. އަދި އެޓާނީ ޖެނެރަލްއަކަށް އައްޔަންކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބޭއްވުމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި އެ ގާނޫނުގައި މަޖިލީހުގެ ދައުރު ހަމަވުމަށް 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮތް ކަމަށް ވަނީނަމަ ބައި އިލެކްޝަން ބާއްވައިގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ތާވަލްކުރަމުންދަނީ މި އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅަށް ކަމުން އިންތިހާބާ ދޭތެރޭގައި 6 މަސް ދުވަސް ނެތް ކަމަށެވެ. އެހެންކަމުން ގާނޫނު ބުނާ ގޮތުން އެ އިންތިހާބު ނުބާއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރެއްވިއިރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ކަމުން އެ މަގާމުވެސް ވަނީ ހުސްވެފައެވެ. އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އެ ކައުންސިލްގެ ދެ މެންބަރުން ވަނީ އައްޔަންކުރައްވާފައެވެ. އެ ދެ ކައުންސިލް މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އަބުޅޯ) އެވެ.

ހަބީބް ވިދާޅުވީ ކައުންސިލުގެ މަގާމުތަކަށް އިންތިހާބު ކުރާ މީހަކު އިސްތިއުފާ ދެއްވާފައިވާކަން އީސީއަށް އަންގަން ޖެހޭނީ އެލްޖީއޭއިން ކަމަށާއި އެލްޖީއޭއިން އަންގާތާ 45 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ގާނޫނު ލާޒިމުކުރާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި އެލްޖީއޭއިން އީސީއަށް އެކަން އަންގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެލްޖީއޭއިން އަދި އަންގާފައި ނުވި ނަމަވެސް އެކަމަކީ އީސީއަށްވެސް އެނގިފައިވާ ކަމެއް ކަމުން އެކަމަށް ކޮމިޝަން އޮތީ ތައްޔާރަށް ކަމަށާއި މި ހަފްތާ ތެރޭގައި އަންގައިފިނަމަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.

ރައީސް ކަމަށް މުއިއްޒު އިންތިހާބު ވެވަޑައިގަތުމުން މާލޭގެ ވަގުތީ މޭޔަރަކީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. އަދި މޭޔަރުގެ މަގާމަށް ބައެއް ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވަނީ ޕީޕީއެމް/ ޕީއެންސީ ޓިކެޓުގައި ވާދަކުރައްވަން ނިންމަަވާފައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރައްވަން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ނިންމަވާފައެވެ.