އަލްއަގްސާ މިސްކިތަކީ މާތްﷲ މި އުއްމަތާ ހަވާލު ކުރައްވާފައިވާ އަމާނާތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
'ފަލަސްތީނާއި އަގްސާ މިސްކިތް' މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ބުނީ، އަލްއަގްސާ މިސްކިތަކީ މުސްލިމުންގެ އަގީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެއް ކަމަށާއި ގާޒާ އަކީ މާތް ރަސޫލާ އިސްރާ ކުރެއްވި މަސްޖިދުލް އަލްއަގްސާ ހުންނަ ފަލަސްތީނުގެ ބައެއް ކަމަށެވެ.
އަދި ފަލަސްތީނަކީ އިސްލާމީ އެތައް ޒައީމުންނެއް އެ ބިމަށްޓަކައި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށާއި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާމީ އެތައް ބަތަލުންނެއް ޝަހީދު ވެވަޑައިގެންފައިވާ މަތިވެރި ބިމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެފަދަ މަތިވެރި މުގައްދަސް މިސްކިތާ ކުޅޭ މީހުންގެ އިތުރުން އެ މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންގެ ކިބައިން މިސްކިތް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު މި އުންމަތުގެ ކިބައިގައި އެޅިފައިވާކަމަށް ވެއެވެ.
ސަލާހުއްދީނުލް އައްޔޫބީ ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި މައިގަނޑު ސަބަބަކީ މަސްޖިދުލް އަގްސާ އާއި ފަލަސްތީން މިނިވަން ކުރެއްވުމަށް ކަމަށާއި ސަލީބީން ބަލިކުރައްވާ މާތްﷲ އެކަލޭގެފާނަށް ނަސްރު ދެއްވި ކަމަށްވެއެވެ.
ނަމަވެސް އެކަލޭގެފާނު އެއްވެސް އަންހެނަކު އެއްވެސް ކުޑަ ކުއްޖަކު އެއްވެސް މުސްކުޅިއަކު ގަތުލެއް ނުކުރައްވާ ކަމަށާއި އެއްވެސް ގެއެއް، ފައްޅިއެއް ފުނޑުފުނޑެއް ނުކުރައްވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މިފަދަ މަތިވެރި މާތް ބިމެއްގައި މިހާރު ޔަހޫދީން ހިންގަމުންދާ ލާ އިންސާނީ އަމަލު ތަކުގެ މައްޗަށް ވެސް ހުތުބުގާއި އަލި އަޅުވާލާފައި ވެއެވެ.
މި ދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭތާ މަހަކަށްވުރެ ގިނަވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 11،100 ފަހަނައަޅާ ގޮސްފައި ވާއިރު އޭގެތެރޭގައި 8000 ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 28000 އިން މައްޗަށް ގޮސްފައިވާ ކަަމަށް ވެސް އެ ގައުމުން ވަނީ ރިޕޯޓު ކޮށްފައެވެ.