އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް މިހާރު ފޮނުވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، މުސާރައިގެ އޮންގަނޑު ބަދަލުކުރަން މި ސަރުކާރުން ނިންމާފައި ވާއިރު ރައީސް ސޯލިހްގެ ވަދާއީ ހިތާބުގައިވެސް ވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ޖުޑިޝަރީ އާއި، ފުލުހުންނާއި ސިފައިންގެ އިތުރުން ސަރުކާރުގައި ދެން ތިބި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމަނާފައި ވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހް ވަނީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބު ވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ މުވައްޒަފުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.