ތެލެގޫ، ތަމިލް އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ތަމަންނާ ބާޓިއާ 33އ، ބޮލީވުޑްގެ ތަރި ވިޖޭ ވަރުމާ 37އ، އާ ކައިވެނިކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ތަމަންނާގެ މައިންބަފައިންގެ އެދުމުގެ މަތިން ދެމީހުން ކައިވެނިކުރަން އަވަސްކޮށްފައިވާ ކަމަށާއި އަންނަ އަހަރު ތެރޭ ދެތަރިން ކައިވެނިކުރާނެ ކަމަށެވެ. އަދި މިހާރު ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ތަމަންނާ އާއި ވިޖޭ އެކުގައި އުޅޭކަމަށް އެންމެ ފުރަތަމަ އަޑުފެތުރެން ފެށީ މިއަހަރު ކުރީކޮޅު ގޮއާގައި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އޭގެ ފަހުން މުމްބާއީ އަށް ދެމީހުން އައިސް ރެސްޓޯރަންޓު ތަކުން ބައްދަލުކުރާ ތަން ޕަޕަރާޒީންނަށް ފެނި އެކަމާމެދު ސުވާލުވެސް ކުރިއެވެ. ނަމަވެސް އޭރު ދެމީހުންވެސް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.

ނަމަވެސް އޭގެފަހުން ދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ބުނީ ދެމީހުން ދިމާވީ "ލަސްޓް ސްޓޯރީސް 2" ގެ ސެޓުން ކަމަށާއި އެ ސެޓުން ދެމީހުންގެ އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވި ކަމަށެވެ. ދާދިފަހުން ތަމަންނާ ކުޅުނު އައިޓަމް ލަވަ "ކާވާލާ" ވަނީ ވަރަށް ބޮޑަށް ވައިރަލްވެސް ވެފައެވެ. އެ ލަވަ ޓިކްޓޮކްގައި ޓްރެންޑަކަށްވެސް ވިއެވެ. މިދެތަރިން ވަނީ މިއަހަރު ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮސްފައެވެ.