އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސިޓްކޮމް "ފްރެންޑްސް" ގައި ޗޭންދުލާގެ ކެރެކްޓާ ކުޅުނު މެތިއު ޕެރީ މަރުވިތާ މަހަކަށްވާން ކައިރިވެފައި ވަނިކޮށް އޭނާގެ ފަސް އެކުވެރިން އަސަރުގަދަ ޕޯސްޓްތަކެއް ކޮށްފިއެވެ.
އެ ފަސް އެކުވެރިންނަކީ ފްރެންޑްސްގައި އެއްކޮށް އުޅޭ އެންމެ ގާތް އެކުވެރިންނެވެ. ޖެނިފާ އެނިސްޓަން، ޑޭވިޑް ޝްވިމާ، ލީސާ ކުޑްރޯ، މެޓް ލެބްލަންކް އަދި ކޯޓްނީ ކޮކްސް ވަނީ އިންސްޓަގްރާމުގައި މެތިއު އާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް އޭނާ އަށް ޓްރިބިއުޓްދީފައެވެ. ސީރީޒްގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޖޯއީ ޓްރިބިއާނީ ރޯލު ކުޅުނު އެކްޓަރު މެޓް ކުރި ޕޯސްޓުގައި ބުނީ މެތިއު މަރުވުމުން ހިތަށް ވަރަށް އަސަރުކުރާ ކަމަށާއި މެތިއު އާއެކު ހޭދަކުރެވުނު ދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ މަޖާ ދުވަސްތައް ކަމަށެވެ.
"މެތިއު އާއެކު މަސައްކަތްކުރަން ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ދުވަހަކުވެސް އެކުވެރިޔާ މަތިން ހަނދާން ނައްތައެއް ނުލާނަން. އެކުވެރިޔާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މޫނު މައްޗަށް ހިނިތުންވުން ގެންނާނަން. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،" މެޓް ލެބްލަންކް ބުނެފައިވެއެވެ.
ޗޭންދުލާގެ އަނބިމީހާ މޮނިކާ ގެލާ ގެ ރޯލު ކުޅުނު ކޯޓްނީ އިންސްޓަގްރާމްގައި ބުނީ މެތިއު އާއެކު ހޭދަކުރެވުނު ކޮންމެ ވަގުތުކޮޅަކީ ވެސް އޭނާއަށް ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށާއި ކޮންމެ ދުވަހަކު އޭނާ މަތިން ހަނދާންވާ ކަމަށެވެ. ކޯޓްނީ ވަނީ ފްރެންޑްސް ސީރީޒްގައި މެތިއު އާއެކު ކުޅެފައިވާ ސީން އެއްގެ ތަންކޮޅެއްވެސް ޕޯސްޓްކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ސީރީޒްގައި ހިމެނި ސީން އާއި ސީންގެ ތެރެއިން ދިމާވި މަޖާ ކަމެއްގެ ތަންކޮޅެކެވެ. ކޯޓްނީ ބުނީ މޮނިކާ އާއި ޗޭންދުލާގެ ގުޅުން ސީރީޒްގައި ކުރިއަށް ގެންދިޔައީ ފޭނުންގެ ރިއެކްޝަނަށް ބެލުމަށްފަހު ކަމަށެވެ.
މެތިއުގެ ވަކިވުމާއެކު ޖެނިފާ ކުރި ޕޯސްޓް ވެސް ވަރަށް އަސަރުގަދައެވެ. ޖެނިފާ ބުނީ މެތިއު އާ އަލްވަދާޢު ކިޔަން ޖެހުމަކީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ އިހުސާސެއް ކަމަށެވެ. ހުރިހާ އެންމެންވެސް ދިރިއުޅުމުގައި ކޮންމެވެސް ހިސާބަކުން ފެއިލްވުމުގެ އިހުސާސް އަދި ލޯބިވާ މީހެއް ގެއްލުމުގެ އިހުސާސް ކުރެވިފައިވާނެ ކަމަށެވެ.
"އަހަރެމެން އެންމެން ވެސް މެތިއު ދެކެ ވަރަށް ލޯބިވިން. މެތިއު އަކީ އަހަރެމެންގެ ޑީއެންއޭ. އަބަދުވެސް ހަ މީހުން އެއްކޮށް. މިއީ އަހަރެމެން އަމިއްލަ އަށް ހޯދި އާއިލާއެއް. މެތިއު އަށް އެނގޭ މީހުން ހެއްވާލަން. އޭނަ އަމިއްލަ އަށްވެސް ބުނާނެ މީހުން ހޭ އަޑު ނީވޭނަމަ މަރުވާހެން ހީވާ ކަމަށްވެސް. އެކަމަކު ބަލާލަބަ. ހަޔާތުގައި އެކަން އޭނާ ކާމިޔާބުކޮށްފި،"
ޖެނިފާ ބުނީ މެތިއު މަރުވުމުން މެތިއު އާއި އޭނާ އާ ދެމެދު ބަދަލުކުރެވިފައިވާ މެސެޖުތައް ކީ ކަމަަށާއި އެ މެސެޖުތައް ކީ ހެމުންނާ ގިސްލަމުން ކަމަށެވެ. އެ މެސެޖުތައް އުމުރު ދުވަހު ރައްކާކޮށްގެން ގެންގުޅޭނެ ކަމަށާއި މެތިއު ދެކެ އިންތިހާ އަށް ލޯބިވާ ކަމަށްވެސް ޖެނިފާ ވަނީ ބުނެފައެވެ.
ޑޭވިޑް ޝްވިމާ (ރޮސް ގެލާ) ކުރި ޕޯސްޓުގައި ބުނީ މެތިއު މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި މެތިއުގެ އެކްޓިން އާ މެދު އޭނާ އަޖައިބުވާ ކަމަށެވެ. ޑައިލޮގެއް ބޭނުންވާ ގޮތަށް ހަދާލާ އޭތި މަޖާކޮށް ޑެލިވާކޮށްދޭން ހަމަ ރަނގަޅަށް މެތިއު އަށް އިނގޭ ކަމަށާއި އޭނާ އަކީ ވަރަށް ހިތްހެޔޮ އެކުވެރިއެއް ކަމަށެވެ.
"ވަރަށް ރަނގަޅު އެކުވެރިއެއް އެއީ. ނުވެސް ދަންނަ ހަ މީހުން އެންމެ ފަހުން ވެގެންދިޔައީ އާއިލާއަކަށް،"
ފީބީ ބުފޭ ކެރެކްޓާ ރޯލު ކުޅުނު ލީސާ ކުޑްރޯ ބުނީ މެތިއުކޮށްދިން ހުރިހާ ކަމަކަށް ޝުކުރުއަދާކުރާކަމަށެވެ. ހަށިގަނޑުގެ މަސްތައް އައްސިކޮށްލާ ވަރަށް ހެއްވާލިކަމަށްޓަކައި މެތިއު އަށް ޝުކުރުއަދާކުރާ ކަމަށެވެ. މެތިއު އާއެކު ހޭދަކުރެވުނު ހުރިހާ ދުވަސްތަކަކީ ވެސް ހަޔާތުގައި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެކަމަށްޓަކައިވެސް މެތިއު އަށް ޝުކުރުއަދާކުރާ ކަމަށެވެ. މެތިއު ފަރާތުން އެތައް ކަމެއް އޭނާ އަށް ދަސްވި ކަމަށްވެސް ލީސާ ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މެތިއު ދިރިއުޅެމުންދާ ގޭގެ ޖަކޫޒީގެ ތެރޭގައި މަރުވެފައިވާ އޮއްވާ އޭނާ ފެނުނުއިރު އޭނާގެ ޖަނާޒާ ވަނީ ފަސް އެކުވެރިން ބައިވެރިވެފައެވެ. މެތިއު މަރުވުމާއެކު ގިނަ ބަޔަކު އިންތިޒާރުކުރީ އެ ފަސް އެކުވެރިންގެ ޓްރިބިއުޓަކަށެވެ. މެތިއު މަރުވުމުން ފަސް އެކުވެރިން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުނުއިރު އެ ސްޓޭޓްމަންޓުގައި ބުނީ އެންމެން ހަމައަކަށް އެޅުމުން ހިތުގެ އިހުސާސްތައް ބަންޑުންކޮށްލާނެ ކަމަށެވެ. މެތިއު މަރުވުމުން ހަ އެކުވެރިންގެ ތެރެއިން އެކަކު މަދުވީއެވެ.