ބޯހިޔާވަހިކަން ފޯރުކޮށްދޭން ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މި ސަރުކާރުން ދޫކުރާ 4000 ފްލެޓު ދޫކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަ ވެ ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަންގައިފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން، ކޮމިޝަނުން ބެލިބެލުމުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާ ޕޮއިންޓް ދީފައި ވުމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ކަންކަން ފަދަ މައްސަލަތައް ފާހަގަ ވެފައި ވެއެވެ.

އަދި ބައެއް ފަރާތްތަކުގެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ނޮކޮށް ހުރުން ފަދަ ކަންކަން ފާހަގަ ވާތީ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓް ދޫކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލަން ވަނީ އަންގާފައެވެ.

ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިރޭ ވަނީ އާއްމުކޮށްފައެވެ.