އާދިއްތަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަން ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ނިންމައިފިއެވެ.

އެކަން ހާމަކުރައްވާ ސީޕީ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމަވާ، އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ސީޕީ ވަނީ ވޭތުވެދިޔަ ތިން އަހަރާއި 10 މަސް ދުވަހުގެ ތެރޭގައި ދީފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމުގެ ގާބިލުކަން ހުރި މިންވަރަކުން މަސައްކަތް ކުރެއްވި ކަމަށް ސީޕީ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަން ފާހަގަ ކުރައްވާ ސީޕީ ވަނީ ކުރިއަށް އޮތް ތަނުގައި ހުރިހާ އެންމެންނަށްވެސް ކުރިއެެރުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ މާދަމާ ހުރިހާ ޖަލުތަކަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

އެ މަގާމަށް ސީޕީ އައްޔަން ކުރައްވާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ އަބްދުﷲ މުނާޒެވެ.

ސީޕީގެ އިތުރުން މަގާމުން އިސްތިއުފާ ދޭން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ސައީދު ވަނީ ހުކުރު ދުވަހުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.