މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖަރު ދޫކޮށްލައިފިއެވެ.

ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އާރްޑީސީ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައެވެ. އަދި ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ފުލުހުން ވަނީ ވަދެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގައި ރޭ ހިނގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެ އެއް ބަލާ ފާސްކޮށް 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައި ހުރި ތިން ބިޑިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

މި ވާހަކަތަކާ ގުޅިގެން މީގެ ކުރިން އާރްޑީސީ އިން ބުނެފައިވަނީ މިފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށެވެ.