އިޒްރޭލުގެ މީހުން ރާއްޖެ އައުން މާނާ ކުރަން ގޮވާލާ އަޑުއުފުލުމަށް ގިނަ ބަޔަކު ރައްޔިތުންގެ މަޖިލީސް ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެެވެ.
މަޖިލީސް ދޮށަށްއެއްވެ ތިބި މީހުން ގޮވާލަމުން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދުމުގެ އިތުރުން އެ ގައުމުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެެވެ.
މުސްލިމް އުންމަތެއް ފަނާވެގެންދާއިރު އަޑު ނުއުފުލާ މެންބަރުންތަކެއް މަޖިލީހުގެ އިތުރު ދައުރަކަށް ނުހޮވާނެ ކަމަށް އެއްވުމުގެ ބައިވެރިން ދަނީ ބުނަމުންނެވެ. އަދި އެ ފަރާތްތަކުން ބުނަމުންދަނީ ސައުދީ އަރަބިއްޔާފަދަ ގައުމަކަށް ދިވެހިރާއްޖެވާން ބޭނުންނުވާ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އިތުރު އެހެން މެންބަރުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާލައްވާފައެވެ.
އިޒްރޭލުގެ މީހުން އައުން މަނާ ކުރުމަށް އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށް ގޮވާލާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން ވެސް އެއްވުމުގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައުދު ގަރާރު ހުށަހަޅުއްވާފައިވަނިކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހަމަ އެ މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުއްވާފައެވެ. އެ ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަމާ ގުޅިގެން ވާހަކަދައްކަވާފައެވެ.
އީވާ ވިދާޅުވީ ކުއްލި މައްސަލައަށް ފުރުސަތު ދިނުމުގެ ބަދަލުގައި ގަރާރު ކުރިއަށް ގެންދަވަން ސައުދު ބޭނުންވެވަޑައިގެންނެވި ކަމަށެވެ. އެކަމާ ގުޅިގެން މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ސައުދަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
ގަރާރަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުންގެ ހުރިހާ މެންބަރުން ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ބަޔާން ނެރުމުގެ އިތުރުން ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް، ގޮވާލައްވާފައެވެ. އަދި އެ ގަރާރަށް މަޖިލީހުގައި ބަހުސްކުރެއްވި ހުރިހާ މެންބަރުން އެ ގަރާރަށް ތާއީދުކުރެއްވިއެވެ.