ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު 'އީތާ' އަކީ މިއަހަރު ނިކުންނާނެ އެންމެ ވަރުގަދަ އަދި ބެލުންތެރިންގެ އިހްސާސްތަކާއި ކުޅެލާނެ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. މި ފިލްމުގެ ލީޑު ރޯލުން ޝްރައްދާ ކަޕޫރު ފެނިގެންދާއިރު، މި ފިލްމަކީ 'ޗާވާ' ގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށް، ރަންދީޕް ހޫޑާ އަދި އަނާންތު ޖޯޝީ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމެކެވެ. އިއްޔެ މި ފިލްމުގެ ޓީޒާ ރަސްމީކޮށް ދައްކާލާފައިވާއިރު ޝަރައްދާގެ މޮޅު ހުނަރުން ގިނަ ބަޔަކު ވަނީ ހައިރާންކޮށްލާފައެވެ.
މި ޓީޒާ ފެށެނީ މިއުޒިކީ ކުޅޭ އެއްޗެހީގެ އަޑުންނެވެ. އަދި ސީދާ ގެންގޮސްދެނީ 'ލަވާނީ' (މަރާޓީ ސަގާފީ ނެށުން) ސްޓޭޖަށެވެ. އެތަނުގައި ތިބި މީހުން އީތާގެ ހުށަހެޅުން ބެލުމަށް އޭނާއަށް ގޮވަމުންދެއެވެ. އެއަށްފަހު، ޓީޒާ އިން ދެން ފެންނަނީ ބެކްސްޓޭޖެވެ. އެތަނުން ފެންނަނީ ޝްރައްދާ ކަޕޫރު ވިހަން ވެގެން ބަނޑުގައި ރިއްސާތީ އުޅޭ މަންޒަރެވެ. އަދި ބޭރުގައި ތިބި ބެލުންތެރިން އޭނާގެ ނެށުން ބަލަން ބޭނުންވެގެން ގޮވާ އަޑު އޭނާއަށް އިވެއެވެ. އޭގެ ފަހުން ފެންނަނީ، ވިހެއުމަށްފަހު ވަގުތުން ލަވާނީ ނެށުމަށް ތައްޔާރުވެގެން އޭނާ ސްޓޭޖަށް އަރާ މަންޒަރެވެ. ޝްރައްދާ ކަޕޫރުގެ މި ބަދަލުވުމަކީ ގިނަ ބައެއްގެ މެދުގައި ވާހަކަ ދެކެވޭ ކަމަކަށް ވެފައިވާއިރު، ބެލުންތެރިން ބުނަމުންދަނީ މިއީ އޭނާގެ ކެރިއަރުގައި ފެނިގެންދާނެ އެންމެ ވަރުގަދަ އަދި އަސަރުގަދަ އެއް ހުށަހެޅުން ކަމަށެވެ.
މި ފިލްމަކީ ކާމިޔާބު 'ސްޓްރީ' ފްރެންޗައިޒްއަށްފަހު، ޝްރައްދާ ކަޕޫރު ޕްރޮޑިއުސަރު ދިނޭޝް ވިޖަންއާއެކު އަލުން މަސައްކަތްކުރާ ފިލްމެކެވެ. މީގެ އިތުރުން، މިއީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'ޗާވާ' ގެނެސްދިން ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ދިނޭޝް ވިޖަން އަދި ލަކްޝްމަން އުތޭކަރު އެކުގައި ކުރާ މަސައްކަތެކެވެ. މި ޓީޒާ އިން މިހާރުވެސް މީހުންގެ ގައިން ހީބިހިނަގައި، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، 'އީތާ' ބެލެވެނީ މި ޓީމުގެ ފަރާތުން ސިނަމާއަށް އަންނާނެ ވަރަށް ފާހަގަކޮށްލެވޭ ބޮޑު ފިލްމެއްގެ ގޮތުގައެވެ،
މަޝްހޫރު މަރާޓީ ލަވާނީ ނަށުންތެރިޔާ ވިތާބާއީ ނަރަޔަންގާ އޮންކަރުގެ އާދަޔާހިލާފު ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ 'އީތާ' އަކީ މަހާރާޝްތުރާގެ އެންމެ ނުފޫޒުގަދަ އެއް ސަގާފީ ފަންނާނެއްގެ ދަތުރު ދައްކުވައިދޭ އަސަރުގަދަ ފިލްމެކެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ މައިން ކެރެކްޓަރުން ފެންނަ ވިތާބާއީ ބާއޫ މަންގް ނަރަޔަންގާއޮންކަރަކީ މަހާރާޝްތުރާގެ އެންމެ މުހިންމު އެއް ސަގާފީ ފަންނާނެވެ. ޖުލައި 1، 1935 ގައި އުފަންވި އަދި "ތަމާޝާ ސަމްރާދިނީ" ނުވަތަ ތަމާޝާގެ ރާނީގެ ގޮތުގައި މަޝްހޫރުވި ވިތާބާއީއަކީ ލަވާނީ އަދި ތަމާޝާ ސަގާފީ ހުށަހެޅުންތަކުގެ ތާރީހު ބަދަލުކޮށްލި ޝަހްސިއްޔަތެކެވެ.
އޭނާގެ ދިރިއުޅުން ފެށުނީއްސުރެ ގުޅިފައިވަނީ ހުށަހެޅުންތަކާއެވެ. އޭނާ ނިސްބަތްވަނީ ތަމާޝާ ސަގާފަތާ ގުޅުންހުރި އާއިލާއަކަށެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވާނީ އަދި ތަމާޝާ ހުށަހެޅުންތަކުން އެތައް ޖީލެއްގެ ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ވިތާބާއީއަށް، އިންޑިއާގެ ސަގާފީ ތިއޭޓަރަށް ކޮށްދިން އަގުނުކުރެވޭފަދަ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1957 އަދި 1990 ގައި އިންޑިއާގެ ރައީސް ވަނީ ޝަރަފުގެ އެވޯޑެއްވެސް ދެއްވާފައެވެ.
