އެފްކޮންސް އިންފްރާސްޓްރަކްޗާ ކޮމްޕެނީ ލިމިޓެޑަށް ކޮށްފައިވާ 69.4 މިލިއަން ރުފިޔާގެ ޖޫރިމަނާ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭއިން އެފްކޮންސް ޖޫރިމަނާ ކޮށްފައި ވަނީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. މި ހާދިސާގައި ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.

ބްރިޖުގެ ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށްއަރައި ފުން ނުކުރެވި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެއާއެކު އީޕީއޭއިން ދިރާސާކޮށް ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައި ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އެ ފައިސާ ދެއްކުމަށް މަސް ދުވަހުގެ މުހުލަތެއް ވެސް ވަނީ ދީފައެވެ.

އެ މައްސަލަ އެފްކޮންސްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާއިރު އެ ކަމާ ގުޅިގެން އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި، މައްސަލަ ބެލި ގޮތުގެ ތަފްސީލްތައް ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި އެފަދަ ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެ ކުންފުންޏަށް އޮތް ނަމަވެސް އެފަދަ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެ އެޖެންސީއިން ބުނެއެވެ.

"އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓެރެކްޓަރަށް އޮތެވެ. އެހެންކަމުން، މި މައްސަލާގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖުރިމާނާ މުރާޖައާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަން ފާހަގަވެފައިވޭ" އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ ޖޫރިމަނާއިން ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ، 'އެންވަޔަރަމެންޓް ރެސްޓޮރޭޝަން ފަންޑް'އަށް ޖަމާކޮށް، ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް އެ ފައިސާ ބޭނުންކޮށްގެން މަސައްކަތް ކުރާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.