ހުރިހާ މޫސުމެއްގައި ވެސް ރައްކާތެރި ދަތުރު ގެ ގޮތުގައި ޕްރޮމޯޓުކޮށް ކުރިއަށް ގެންދާ 'ޗާރް ދާމް' ޓަނަލް ހަދަނިކޮށް އެ ވެއްޓި 40 މީހަކު ތާށިވެ ފުރާނައަށް ނުރައްކާ ވެއްޖެއެވެ.

އިންޑިއާގެ އުއްތަރްކާންދުގައި ކުރިއަށް ދާ މި މަޝްރޫގައި ތާށިވެފައި ވަނީ މަސައްކަތުގައި އުޅުނު 40 މީހުންނެވެ. އާދީއްތަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ތާށިވި މީހުންނަށް އޮކްސިޖަން ފޯރުކޮށްދީގެން ފުރާނަ ސަލާމަތް ކުރެވޭތޯއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެކިއެކި ގައުމުތަކުގެ އިންޖިނިއަރުން ހިމެނޭހެން 150 މީހަކު މެދުނުކެނޑި މަސައްކަތް ކުރަމުން ދާ ކަމަށް އިންޑިއާގެ އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ޑީޒާސްޓާ މެނޭޖްމަންތް އޮތޯރިޓީގެ ޑިރެކްޓަރު ރަންޖީތް ސިންގާ ބުނެފައި ވަނީ، ތާށިވެފައި ވާ މީހުންނާ ހަމައަށް ރެސްކިއު ވޯކަރުންނަށް އަދި ނުފޯރާ ކަމަށާއި ނަމަވެސް އެމީހުން ދިރި ތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި ލަސްވެގެން މިއަދު ނޫނީ މާދަމާގެ ހެނދުނާ ހަމައަށް އެމީހުންނާ ހަމައަށް ވާސިލު ވެވޭނެ ކަމަށް ވެސް އުއްމީދު ކުރެވޭ ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ، ބިންގަނޑު ތޮރުފާލައިގެން ޕެކް ކޮށްފައި ހުރި ކާތަކެއްޗާއި އޮކްސިޖަން ހޮޅިއެއް މެދުވެރިކޮށް ތާށިވެފައި ތިބި މީހުންނާ ހަމަައަށް ފޯރުކޮށްދެމުން ގެންދަ ކަމަށާއި އެންމެންގެ ހާލުވެސް އަދި ރަނގަޅު ކަމަށެވެ. މީގެ އިތުރުން ވޯކީ ޓޯކީ ގެ ޒަރީއާއިން އޭގެ ތެރެއިން ބައެއް މީހުންނާ މުއާމަލާތުވެސް ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

4.5 ކިލޯމީޓަރުގެ މި ހައިވޭ އަކީ އުއްތަރަކްޝީ ޑިސްޓްރިކްޓުގެ ސިލްކަޔާރާ އާއި ޔަމުނޯރިޓީ އާ ދެމެދު ގާއިމު ކުރަމުންދާ ހައިވޭއެކެވެ. ބިމު އަޑީގެ މި ހައިވޭ ނިމުމުން އެ ދެ ޑިސްޓްރިކްޓެ ގެ ދެމެދުގައި އެއްގަމު މަގުން [ބިންމަތިން] ދަތުރު ކުރުމަށް މިހާރު ހޭދަވާ 26 ކިމޯމީޓަރު 4.5 ކިލޯމީޓަރަށް ކުރުވެގެން ދާނެއެވެ.