މާލޭ އިމާރާތެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާފަންނު ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެ ސައިކަލް ތަކަށް ގެއްލުން ވެފައިވާ ކަަމަށް މިއަދު މެންދުރުފަހު 1:18 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައުލޫމާތު ކަމާ ގުޅޭ އިދާރާ ތަކާ ހިއްސާކޮށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާތަން ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނައިރު އެ ސަރަހައްދު ފުލުހުން ވަނީ ޓޭޕް ދަމާ ބަންދުކޮށްފައެވެ.