އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 މީހުން ކުރެން އެކަކީ ހަކުރުބަލި ތަހައްމަލު ކުރާ މީހުއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓުގައި ބުނީ އޭގެ ތެރެއިން 90 ޕަސެންޓް މީހުން ތަހަންމަލު ކުރަމުންދަނީ ޓައިޕް 2 ޑައިބެޓިސް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި 14 ނޮވެންބަރު ފާހަގަކުރަމުންދާއިރު މިއަހަރުގެ ޝިއާރަކީ "ހިރާސްތައް ދެނެގަނެ، ފިޔަވަޅުއަޅަމާ" އެވެ. އެޗްޕީއޭއިން ބުނީ އެ ޝިއާރުގެ އަމާޒަކީ ހަކުރު ބަލީގެ ވައްތަރުތަކުގެ ތެރެއިން ޓައިޕް 2 ޑައެބެޓިކްސް ޖެހުމުގެ ހިރާސްތައް ދެނެގަނެ އެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުން ނުވަތަ ފަސްކުރުމާއެކު ބަލި ޖެހުމުން ދިމާވެދާނެ ސިއްހީ މައްސަލަތަކާ މެދު ހޭލުންތެރިކަން ހޯދާ ބައްޔަށް ފަރުވާ ދުރާލާ ދެނެގަތުން ކަމަށެވެ.

ހަކުރު ބަލީގެ ދެ ވައްތަރުގެ ތެރޭގައި ހިމެނޭ ޓައިޕް 1 ޑައިބެޓިސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓިސްއަކީ ހަށިަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

އެޗްޕީއޭއިން ބުނީ ގައިން ގައިން ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕް ސާވޭ 2020-2021 އިން ދައްކާ ގޮތުގައި 14 ޕަސެންޓް މީހުން ހަކުރު ބަލި ޖެހިފައިވާ ކަމަށެވެ.

ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާން ޖެހުމާއި ކަރުހިއްކާ ފެންބޮވުމާއި އާދަޔާ ހިލާފަށް ބަނޑުހައިވުމާއި ބަރުދަނަށް އަވަސް އަވަހަށް ބަދަލުއައުމުގެ އިތުރުން ވަރުބަލިވުން ހިމެނެއެވެ.

ހަކުރުބަލިން ދުރާލާ ރައްކާތެރިވުމަށްޓަކައި ސަމާލުކަންދެވިދާނެ ބައެއް ކަންކަން:

  • ސިއްހީ ގޮތުން ދުޅަހެޔޮ ކާނާއާއި ބުއިންތައް (މިންހެޔޮ) ކެއުން އިހުތިޔާރުކުރުން.
  • ކެއުމުގެ ވަގުތުތަކާ، ކާ މިންވަރާ މެދު ސަމާލުވުން.
  • ​ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އާދަކުރުން.
  • ​ހަށިގަނޑުގެ ބަރުދަން ސިއްހީ ގޮތުން ދުޅަހެޔޮ މިންވަރެއް (ބީއެމްއައި)ގައި ހިފެހެއްޓުން.
  • ​ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން.
  • ދޭތެރެ ދޭތެރެއިން، އަދި ވަކިން ހާއްސަކޮށް ހަކުރުބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ހަކުރުބައްޔަށް ހުށަހެޅޭފަދަ ހާލަތެއްގައި ދިރިއުޅޭނަމަ ނުވަތަ އާއިލާގެ ތެރޭގައި ހަކުރުބަލީގެ މީހުންތިބިނަމަ ޓެސްޓުތައް ހަދާ ބަލީގެ ހާލަތު ކަށަވަރު ކުރަމުން ދިއުން.

ހަކުރުބަލި ތަހައްމަލުކުރަމުންދާ ފަރާތް ތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތަކުގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ގަވާއިދުން ބޭސް ކެއުމާއި ހާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި ގަވާއިދުން ޑަކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާހޯދުމާއި ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ގަވާއިދުން ކަސްރަތުކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.