މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން މި މަހުގެ 03 ވަނަ ދުވަހު ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުން އަންނަކަމަށެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދުއްވާ ސީކްއީން ބޯޓުން އަބްދުﷲ އިބްރާހީމް މާލެ ދިޔަކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111 އަށް ނުވަތަ 9791382 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.