ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބިޕާޝާ އާއި އޭނާގެ ފިރިމީހާ އެކްޓަރު ކަރަން ސިންހް ގްރޯވަރު އާއި ދެމަފިރިންގެ އަލަތު ދަރިފުޅު ދޭވީ އާއެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގަ އެވެ. މީގެ ކުރިން އެތައް ފަހަރަކު ބިޕާޝާ އާއި ކަރަން ރާއްޖެ އައި ނަމަވެސް މި ދަތުރަކީ ދެމީހުންގެ ދަރިފުޅާއެކު ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. ރެޑިސަން ބްލޫ ރިސޯޓުގައި ބިޕާޝާގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދާއިރު ބަތަލާ ވަނީ އިންސަގްރާމްގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައެވެ. މި ދަތުރަކީ ދަރިފުޅު ދޭވީ އަށް އަހަރުފުރުމާއެކު އައި ދަތުރެކެވެ. ދޭވީ އުފަންވީއިރުވެސް ހިތުގައި ދެ ލޯވަޅު ހުރިއިރު އެކަމާ ގުޅިގެން ދާދި ފަހުން ވަނީ ސާޖަރީވެސް ކޮށްފައެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. 2015 ވަނަ އަހަރު ނުކުތް ފިލްމު "އެލޯން"ގެ ސެޓުން ދެމީހުން ދިމާވެ ލޯބިވެ ކައިވެންޏާ ހަމައަށް ދިޔައެވެ. ކަރަން ވަނީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައެވެ. އެއީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓް އާއި ޝްރައްދާ ނިގާމް އާއެވެ. ޖެނިފާ އާއި ކަރަން 2012 ވަނަ އަހަރު ކައިވެނިކުރި އިރު އެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުގައެވެ. ބަތަލާ ޝްރައްދާ އާއި ކަރަން ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ. އެ ކައިވެނި ނިމުމަކަށް އައީ 2009 ވަނަ އަހަރުއެވެ. މީގެ ކުރިން ދެ ކައިވެންޏެއް ކުރި ނަމަވެސް އެއިން އެއްވެސް ކައިވެންޏަކަށް ދަރިން ލިބިފައެއް ނުވެއެވެ.