މާލޭގެ މަގުމަތިން ބުޅަލަކަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު އަމީރު އަހުމަދު މަގާއި ކަސްތޫރި މަގު ގުޅުނު ކަންމަތީގައި އޮތް މާބަނޑު ބުޅަލަކަށް މީހަކު ވަޅިން ހަމަލާދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބުޅާ އޮތީ އެ ކަންމަތީގައި އޮށޯވެލައިގެންނެވެ. އެ މީހާ އެ ބުޅަލުގެ ކައިރިއަށް ގޮސް މަޑުކޮއްލުމަށްފަހު ޖީބުން ކުޑަ ވަޅިއެއް ނެގުމަށްފަހު ބުޅަލަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ވަޅިން ހަމަލާ ދިނުމާއެކު ބުޅާ ތެޅިގަނެފައި ދުވެފައިދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
ބުޅަލަށް ވަޅިން ހަމަލާ ދިން ފިރިހެން މީހާ ފުލުހުން ގެންދާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އަމީރު އަހުމަދު މަގާއި ކަސްތޫރި މަގު ގުޅުނު ކަންމަތީގައި އޮތް ބަނޑުބޮޑު ބުޅަލަކަށް ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހަމަލާ ދިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.