އިޒްރޭލުގެ އުދުވާނުގައި ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ހުއްޓުވާލާފައި ވާ އިރު، ދުވަސް ނުފުާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ފޮއިލަށް ލައި އޮޅާލައި ހޫނުކަން ލިބޭ ގޮތަށް ހޫނު ފެނާ ގާތުގައި ބާއްވަމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ހޮސްޕިޓަލްގެ ކަރަންޓް ވިއުގަ ހަލާކުވެ އަލިކަމެއް ނެތް އިރު އޮކްސިޖަން އެއްވެސް ނެތެވެ. ދުވަސް ނުފުރަ ވިހަން ޖެހިފައިވާ ގިނަ އަދަދެއްގެ މައިން ތިބި އިރު ވިހާ ކުދިން އިންކިއުބޭޓަރަށް އަދި ވެންޓިލޭޓަރަށް ވެސް ލެވޭކަށް ނެތެވެ. ހޮސްޕިޓަލް ވަށާލައި އިޒްރޭލުން ހަމަލާ ދޭން ފެށިއިރު އިންކިއުބޭޓަރުތަކުގައި 39 ކުދިން ތިއްބެއެވެ. އެކުދިން ދިރި ތިބުމަށް ބޭނުންވި އޮކްސިޖަން ހުސްވެ މިދުނިޔެއާ ވަކިވެފައި ވާ އިރު، އަލަށް އުފަންވާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މިވަގުތަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ފޮއިލަށް ލައި އޮޅާލައި ހޫނުކަން ލިބޭ ގޮތަށް ބޭތިއްބުން ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ވަސީލަތެއް ބޭހެއް ނެތި ހާމައަތުން އެ ތުއްތު ކުދިން އެއް ވޯޑުން އަނެއް ވޯޑަށް ބަދަލު ކުރަން ޖެހިފައި ވާ އިރު، އެއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެކެވެ. އިސާހިތަކު އިންފެންޝަން އާއި އެނޫންވެސް ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އެ ހޮސްޕިޓަލްގެ ކޮމްޕައުންޑްގައި ހުންނަ ގިނަ އިމާރާތްތައް ހަލާކު ކޮށްލާފައި ވާ އިރު ހިދުމަތް ހުއްޓި ދުނިޔޭގެ އެހީތެރިކަން އެދެމުން ދާތީ އިޒްރޭލުން ވަނީ އާ ވާހަކައެއް ދައްކާފައެވެ. އެގައުމުން ބުނެފައި ވަނީ، ހޮސްޕިޓަލްގައި ތިބި ތުއްތު ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން ހަމާސް އާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެމީހުން އެކަމަށް އިޖާބައެއް ނުދިން ކަމަށެވެ.

އިޒްރޭލުން އެހެން ބުނާ އިރު ގާޒާގައި މިވަގުތު އަލިކަމެއް ހުރީ ހަމައެކަނި އަލް އަހުލީ ހޮސްޕިޓަލްގައެވެ. އެތަނުގެ އެކި ބައިތަކަށް ހަމަލާ ތަކުގައި ގެއްލުންވެފައި ވީ ނަމަވެސް އެ ހޮސްޕިޓަލް އަދި މުޅިން ނުހުއްޓެއެވެ. ދެން ހުރި ހުރިހާ ހޮސްޕިޓަލެއް ވަނީ ހުއްޓިފައެވެ. އެކަން އެހެން އޮތް އިރު އެ ތުއްތު ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އިޒްރޭލުން ދައްކަނީ ކޮން ބޭނުމެއްގައި ކަމެއް އަދި އެކަން ކުރާނެ ގޮތެއް ނޭނގޭ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ބުނެއެވެ. ވަށައިގެން ބޮން އަޅާ ހުރިހާ އިމާރާތްތަކެއް ބިމާ ހަމަކޮށް މުޅިތަން ސުންނާފަތި ކޮށްލާފައި އޮތް ތަނެއްގައި އެހެން ވަކި ހުރީ ކޮން ހޮސްޕިޓަލެއްތޯވެސް އެމީހުން ސުވާލު ކުރެއެވެ.

އިޒްރޭލުހެ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާ އިރު ދުވަސް ނުފުރާ ވިހާ ކުދިން ހިމެނޭހެން ކުޑަކުދިންގެ އަދަދު 4500 އަށް އަރައެވެ.

އަލް ޝިފާ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، މިހާރުވެސް އެތައް ތުއްތު ކުދިންނެއް މަރުވެފައި ވާ އިރު، ސާޖަރީ ބޭނުން ވާ އަދި ސާޖަރީ ހަދާ އެކަކުގެވެސް ފުރާނަ ސަލާމަތް ކުރެވެން ނެތް ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

"ޒަހަމްވެފައި ތިބި އެތައް ސަތޭކަ ބަޔަކު މިހާރުވެސް އެބަ ގެނެ، ހުރިހާ ރިއޭޓަރެއް އެހެރީ ހުއްޓިފައި، ދެން ފަސްޓް އެއިޑް ނޫނީ ދެވޭކަށް ނެތް"
ސަލްމިއްޔާ

ހޮސްޕިޓަލްތަކާއި މެޑިކަލް ފެސިލިޓީތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދެނީ ގަސްދުގައި އެތައް ހާސް ބައެއްގެ ފުރާނަ ދުއްވާލަން ކަމަށް ސިއްހީ އޮފިޝަނުން ބުނަމުން ގެންދާ އިރު އިޒްރޭލުގެ އެ ލާއިންސާނީ ޖަރީމާއާ ދެކޮޅަށް ދުނިޔޭގެ އެތަން މިތާނގައި ދަނީ އަޑުއުފުލަމުންނެވެ. ޑޮކްޓަރުންގެ ނެތްވޯކްތަކުން، ޖަމިއްޔާ ތަކުން އަސަރާއެކު އެހީއަށް އެދި ގޮވަމުން ދާ އިރު އެމެރިކާއިން ބުނެފައި ވަނީ، ހޮސްޕިޓަލްތަކަށް ހަމަލާ ދެ މައްސަލައިގައި އިޒްރޭލާ ސުވާލު ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް ހަމަލާތައް ހުއްޓާލަން ގޮވާނުލާނެ ކަމެއް ބުނާ އިރު ޖަރުމަނުން ވެސް ބުނެފައި ވަނީ ހަމަލާތައް ހުއްޓާލައިގެން ވާން ނެތް ކަމަށެވެ.