އިއްޔެ ހަވީރު ފުވައްމުލަކު އެއާޕޯޓްގައި ކާގޯ ވެހިކަލެއް މޯލްޑިވިއަންގެ ފްލައިޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މޭނޭޖަރު މުހައްމަދު ލިރާރު "ދަ ޕްރެސް" އަށް ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު އޭނާގެ ބަނޑު ޒަހަމް ވެފައި ވާމަށާއި އިންޓާނަލް ބްލީޑިން އެއް ހުރި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރޭގެ ވަގުތެއްގައި އެ މީހާ އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލާފައިވާ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޭނާގެ ސީޓީ ސްކޭންއެއް ހަދާފައިވާ ކަމަށް ލިރާރު ވަނީ ވިދާޅުވެފައެވެ.

އަނިޔާ ލިބުނު 24 އަހަރުގެ ފިރިހެން މީހާ މާލެ ގެނެސް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ، އިއްޔެ ހަވީރު 5:34 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ހާދިސާގައި އެއްވެސް ފަސިންޖަރެއް އަދި ކްރޫ މެންބަރަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.