ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގަން ވިސާއަށް މާލެ ސެންޓަރުން އެޕްލައިކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އިއްޔެއިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގަން ވިސާއަށް ވީއެފްއެސް މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އިން ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން މާޗު 1، 2020 ގައި ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (ވީއެފްއެސް މާލެ) ހުޅުވިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެ ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުސަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވިފައިވާ ކަމަށާއި އެއާއެކު ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަ ކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެ މިނިސްޓްރީއިން ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީއެފްއެސް މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑްއިން މި ދިޔަ އޮގަސްޓް 21 ވަނަ ދުވަހު ގުޅިފައިވާ ކަމަށެވެ. އަދި އެ ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ.