އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ދައުވަތު ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.
"ދަ ޕްރެސް" އަށް މައުލުމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު ވިދާޅުވީ، މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ޔާމީނަށް އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ފޮނުވޭނެ ކަމަށެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ. ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައި ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންއަށް އަމުރުކޮށްފައެވެ.
އެމައްސަލައިގައ މިއަދު ސިވިލް ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.
އާރަށުގެ މައްސަލާގައި އިއްވާފައިވާ ހުކުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.