ފުވައްމުލަކު އެއާޕޯޓުގައި ޖައްސާފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ކާގޯ ވެހިކަލްއެއް ޖެހި ހިނގި އެކްސިޑެންޓްގައި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާގޯ ވެހިކަލް ދުއްވަން އިން މީހާއަށް އަނިޔާވުމުގެ ސަބަބުން ވަނީ ފްލައިޓަށް އަރަން ތައްޔާރަށް ތިބި ފަސިންޖަރުން ބޯޑިން އޭރިއާގައި މަޑުކުރުވާފައެވެ.

މިހާދިސާއާ ގުޅޭ ފޮޓޯތައް ވައިރަލް ވަމުން އަންނަ އިރު، އަނިޔާވި މިހާ އަށް ފަރުވާ ދިނުމަށް ސްޓްރެޗާއަކަށް އޭނާ އަރުވަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނެއެވެ.

ފުވައްމުލަކު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ކާގޯ ވެހިކަަލެއް ޖެހި ހިނގި އެކްސިޑެންޓްގެ ތެރެއިން

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، މިއަދު ހަވީރު 5:34 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާއަށް ދަނީ ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދެމުން ބުނީ، މި ހާދިސާގައި އެއްވެސް ފަސިންޖަރެއް އަދި ކްރޫ މެންބަރަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. މި ހާދިސާ ހިނގުމާ އެކު ރެސްކިއު ފްލައިޓެއް މިހާރު ފުވައްމުލަކަށް ދަތުރު ފަށާފައިވާ ކަމަށާއި އެ ފްލައިޓް ގައި އިންޖިއަނިއަރުންގެ ޓީމެއް ފޮނުވާފައިވާ ކަަމަށެވެ.

އެ އިންޖިނިއަރުން ފުވައްމުލަކަށް ގޮސް ފްލައިޓަށް ލިބިފައިވާ ގެއްލުން ބަލާނެ ކަމަށާއި އެކަމާ ގުޅޭ ތަފްސީލެއް ދެވޭނީ އޭގެ ފަހުން ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި އެ ފްލައިޓުން ދަތުރުކުރަން ތިބި ފަސިންޖަރުން ރެސްކިއު ފްލައިޓުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.