ފޮށިން ފިސްތޯލައެއް ފެނިގެން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ.

ފިސްތޯލައެއް ފެނިގެންް ލަންކާ އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރުކުރީ ފޮށިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ކަމަށާއި އެ ފެނުނީ އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ވަނުމުގެ ކުރިންގެ ލަގޭޖް ސްކޭން ކުރުމުގެ ތެރޭގައި ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ރާއްޖޭގެ ފޮރިން މިިނިސްޓްރީން ބުނީ، ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ ޕާސްޕޯޓު އަދި ދޫނުކުރާ ކަމަށާއި މައްސަލައިގެ ތަހުގީގު މުޅިން ނިމި، މި މަހުގެ 17 ގައި ޕާސްޕޯޓު އަނބުރާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ ލަންކާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަންނަ އިރު އެއީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ. ލާންކާގެ ފުލުހުންވެސް އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އެއާޕޯޓްތަކުން މިފަދަ ގޮތަކަށް ދިވެހިން ހައްޔަރުކޮށްފައި އެބަ ހުއްޓެވެ. ރާއްޖެ އެތެރެކުރިން މަނާ ތަކެތި އެތެރެކުރަން މަސައްކަތް ކުރަނިކޮށް އެތަކެއްޗާއެކު މީގެ ކުރިން ފިރިހެނުންގެ އިތުރުން އަންހެނުންވެސް ހައްޔަރުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މީހުންވެސް ހިމެނެއެވެ.