އިތުރު ބެޗުތަކުގައި ކެމިކަލް ހުރެގެން، އެލާގޯ ބްރޭންޑްގެ ސިޓްރަޒިން ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހިމެނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮށްފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެ ބޭހުގައި ކެމިކަލްގެ މާއްދާ ހުރިތޯ ކަށަވަރު ކުރަމުންދާތީ މިދިޔަ އަންގާރަ ދުވަހު އެމްއެފްޑީއޭއިން ވަނީ އެ ބޭސް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގާފައެވެ.

މިއަދު އެމްއެފްޑީއޭއިން ބުނީ އެ ބޭހުގެ އިތުރު ބެޗުތައްވެސް ސްކްރީންކުރިއިރު ހުރިހާ ބެޗެއްގައިވެސް ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހުރިކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ އެލާގޯ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ވަނީ އެކަމަށް އެންމެހާ ރައްޔިތުން ސަމާލުވުމަށް އެދިފައެވެ. އަދި އެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެމްއެންޑީއޭއިން ވަނީ ބުނެފައެވެ.

ބޭހުގެ މިފަދަ މައްސަލަތައް ދިމާވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ކޮލިޓީގެ މައްސަލަތަކެއް ފާހަގަ ކުރެވިގެން ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއް ކަމަށްވާ ޕެރެސެޓެމޯލް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.