ދެވަނަ ފަހަރަށް އެޖެންޑާކުރުމަށް ފަހު ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ޖަލްސާ ނިންމާލައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް މިއަދު އެންމެ ފުރަތަމަ އެޖެންޑާކުރީ ހެނދުނު 9 ޖަހާއިރު އޮތް ޖަލްސާއަށެވެ. ނަމަވެސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ރިޔާސަތު އޭރު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ގަރާރު ބޭރުކޮށްލެއްވީއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ރިޔާސަތާ ހަވާލުވި އަފީފް ވަނީ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ގަރާރު އަލުން ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވައިފައެވެ.

އަފީފް އެހެން އެންގެވުމުން، އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވެއެވެ.

އޭގެ ފަހުން މަޖިލީހުގެ އިދާރާ އާއި އެމްޑީޕީން ޖަލްސާ އަލުން ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކޮށް، ނަޝީދުގެ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށް ތާވަލުކުރީ މިއަދު 11:30 އަށެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ސަލާމުގައި މިއަދު ހުންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ރިޔާސަތާ ހަވާލުވުމަށް ފަހު އީވާ ވިދާޅުވީ، ހެނދުނު އެންމެ ފުރަތަމަ ބޭއްވި ޖަލްސާގައި ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރު ރިޔާސަތުން ވަނީ ބޭރުކޮށްލާފައި ކަމަށާއި، އެހެންކަމުން ގަރާރުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަފީފް ވިދާޅުވި ވާހަކައަށް ބާރު ދެއްވައި އީވާ ވިދާޅުވީ، ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައި ވަނީ އެ ގަރާރާ ގުޅިގެން ހުށަހެޅުނު ނިޒާމީ މައްސަލައަކަށް ރިޔާސަތުން ގޮތް ނިންމުމަށް ފަހު ކަމަށާއި، އެހެންކަމުން މި ގަރާރު މިހާރު އޮތް ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިހެން ވިދާޅުވުމަށް ފަހު އީވާ މިއަދުގެ ޖަލްސާ ނިންމަވާލެއްވީއެވެ.