ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރާ މައްސަލަ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ދެވަނަ ފަހަރަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، އެ ދުވަހުން ފެށިގެން ނަޝީދުގެ މައްސަލަ އެޖެންޑާކުރި ހުރިހާ ދުވަހަކު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

އެއާއެކު އެމްޑީޕީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ މަޖިލީހުގެ 44 ވަނަ މާއްދާ އަށް އަމަލުކޮށް، އީވާ ނެތި ނަޝީދުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ އިދާރާ އިން ހަވާލުކުރީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށެެވެ.

މިއަދުގެ ޖަލްސާގައި އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނޫންތޯ ބަހުސްކުރަމުން ދާ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދުގައި ސުވާލު އުފައްދާ ނިޒާމީ މައްސަލަތައް ނަންގަވަމުންދާއިރު މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގެ ވާހަކަ ގަނޫނު އަސާސީގައި ދެ ހާލަތެއްގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެ އުޝާމް ވަނީ އެ ދެ ހާލަތު ތަފްސީލްކޮށްދެއްވާފައެވެ.

އުޝާމް ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގައި ބުނާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ގަރާރު ހުށަހަޅާ ވާހަކަ ކަމަށާއި ހަމައެއާއެކު ގަނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކި ކުރުމުގެ ގަރާރުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމަށް ވާއިރު ގާނޫނު އަސާސީގެ އެ ބުނާ ގަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރާއި އެއީ އެއް ބާއްވަތެއްގެ ގަރާރުތޯ ކުރަމުންދާ ބަހުސްގައި 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މަޖިލީހުން ހަމައެކަނި ކަމެއްގައި ދެކޭ ގޮތް ބަޔާންކުރުމަށް ހުށަހަޅާ ގަރާރެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ 167 ވަނަ މާއްދާގައި ހުށަހަޅާ ގަރާރަށް މައްޗަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށާއި އެހެންވީމަ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައަށް ހުށަހަޅާ ގަރާރެއް 167 ވަނަ މާއްދާގައި ވާ ގޮތަށް އަމަލުކުރާނަމަ ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ބަހުސްކޮށް ކޮމިޓީ މަރުހަލާއަށް ގޮސް އޭގެ ފަހުން ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައިގެން ދެން އެއަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް އުޝާމް ވިދާލުވިއެވެ.

އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 167 މާއްދާގެ 35 ވަނަ ބާބު އޮތް ގޮތުން ވަރަށް ސާފު މަޖިލީހުގެ ގަވާއިދުގައި އެ ބުނާ ގަރާރާއި ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި އެ ބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާތްތަކުގެ މަތިން ހިނގާނެ ދެ ގަރާރުކަން އެނގޭ ކަމަށެވެ. އަދި އެއާއެކު މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވިއެވެ.