ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އިތުރު ޖަލްސާ އެއް ބާއްވަން ނިންމައިފިއެވެ.
ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު މަޖިލީހަށް ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ރިޔާސަތުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ގަރާރު އަލުން ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވައިފައެވެ.
އަފީފް އެހެން އެންގެވުމުން، އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، 18 ވަނަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވަކިކުރުމުގެ ގަރާރު ވެސް ހުށަހެޅީ ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރާ އެއް ފޯމެޓަކަށް ކަމަށާއި ގަރާރު ސައްހަ ކަމަށް އިދާރީ މޭޒުން ރިޔާސަތަށް ލަފާ އެރުވި ކަމަށެވެ.
ހުސައިން ވިދާޅުވީ، އެމްޑީޕީން ހުށަހެޅި ގަރާރު އަފީފް ބޭރުކުރެއްވީ ރިޔާސަތުން މަޖިލީހަށް ހުށަހެޅޭ ގަރާރު ބޭރުނުކުރެވޭނެ ކަމަށް ލިޔުމުން އަންގާފައި އޮއްވާ، ޖަލްސާ ހިނގަމުން ދަނިކޮށް ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި، ގަރާރު ބާތިލުކަން ނުވަތަ ނޫންކަން ނިންމާނީ މަޖިލީހުގެ އިދާރާއިންނެވެ.
އޭނާ އޭރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަސައްކަތްކުރަމުން ދަނީ އިތުރު ޖަލްސާ އެއް މިއަދު ވެސް ބާއްވައިގެން ގަރާރުގެ މަސައްކަތްތައް ނިންމާލެވޭތޯ ކަމަށެވެ
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ދެވަނަ ފަހަރަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، އެ ދުވަހުން ފެށިގެން ނަޝީދުގެ މައްސަލަ އެޖެންޑާކުރި ހުރިހާ ދުވަހަކު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.