ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ބުނެ، އެމަނިކުފާނު ތަމްސީލުކުރައްވާ ޑިމޮކްރެޓުން ނިޒާމީ މައްސަލަ ހުށަހެޅުމުން، މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެއެވެ.
މިއަދުގެ ޖަލްސާ އަށް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރި ނަމަވެސް، ގަރާރުގެ މަސައްކަތް ފެށުމުގެ ކުރިން ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ހުށަހެޅި ގަރާރާ މެދު ސުވާލު އުފައްދަވައި ނިޒާމީ ނުކުތާ އެއް ނަންގަވައިފައެވެ.
"މިއަދު މި ހުށަހަޅާފައިވާ ލިޔުމަކީ ނުވަތަ އަޅުގަނޑަށް ފެންނަން އޮތް ލިޔުމަކީ ބިލެއްތޯ، މައްސަލައެއްތޯ، ކުއްލި މައްސަލައެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ، ނޫނިއްޔާމު ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މި ބުނާ ވަޒީރުން ވަކިކުރުމަށް ހުށަހަޅާފައިވާ ލިޔުމެއްތޯ، އަޅުގަނޑަށް މިއީ ކޮންކަމަކަށް ކޮން އެއްޗެއްތޯ ހުށަހަޅާފަ އެނގުނީމަ އަޅުގަނޑު ދެކޭ ގޮތުގަ އަޅުގަނޑުގެ ނިޒާމީ މައްސަލަ [ހުށަހަޅާނީ]،" އާޒިމް ވިދާޅުވިއެވެ.
މިއަދު ތަޅުމަށް ހުށަހަޅާފައިވާ މައްސަލަ އަފީފް ސާފުކޮށްދެއްވުމުން އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ގަރާރެއްގައި ވަކި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ގަވައިދު ބަޔާންކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން ގަރާރު ހުށަހެޅީ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ، ދީބާޖާ ފަދަ ބައެއް ބައިތައް މަދުން ބައެއް ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން އެ ގަރާރު ހުށަހަޅަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އާޒިމްގެ ނިޒާމީ މައްސަލަ އަށް ތާއީދުކުރައްވައިފައެވެ.
ނަމަވެސް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ނަޝީދު އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް މެޖޯރިޓީން ހުށަހެޅުމުން އެ މައްސަލައަށް ވޯޓު ދިނުމުގެ ހައްގު މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ، އަފީފް މަސައްކަތްކުރައްވަމުން ގެންދަވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތެއް ބައްލަވައިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ.
"އެހެންވީމާ މަޖިލީހުގެ އިދާރާ އަށް އަޅުގަނޑު ގޮވާލަން މަސްލަހަތު ފުށޫނާރާ ބޭފުޅަކު ރިޔާސަތަށް ގެނެސްދިނުމަށް،" ރޮޒައިނާ ވިދާޅުވިއެވެ
ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހުގައެވެ. 54 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި އެ މައްސަލަ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އަނބުރާ ގެންގޮސްފައެވެ.
އެކަމަކު 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ ނަޝީދުގެ މައްސަލަ މިދިޔަ މަހުގެ ނުވަވަނަ ދުވަހު މަޖިލީހަށް އަލުން ހުށަހަޅައިފައެވެ. އެ މައްސަލައިގެ ނޯޓިސް އޭގެ ތިން ދުވަސް ފަހުން ފޮނުވައި މިދިޔަ މަހުގެ 29 އަށް ޖަލްސާ ތާވަލުކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ޖެހުނީ ކެންސަލްކުރާށެވެ.
އެހެންވެ، އެމްޑީޕީން ވަނީ، އީވާ ނެތި ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހަޅައިފައެވެ. މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސް ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އަންގައި ހުކުމްކޮށްފައެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރަކު ރިޔާސަތުން އައްޔަނުކުރަން ވާނެއެވެ. އެގޮތުން ރިޔާސަތުން މެންބަރުން އައްޔަނުކުރުމުގައި އިސްކަންދޭން ވަނީ މަޖިލީހަށް އެ މެންބަރަކު މެދުނުކެނޑި ހިދުމަތްކުރެއްވި މުއްދަތަށް ކަމަށާއި، މެންބަރުންގެ މުއްދަތު ހަމަހަމަ ނަމަ އުމުރުގެ ގޮތުން ދޮށީ ބޭފުޅަކަށް އިސްކަން ދޭން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވީ، ނަޝީދުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ތްރީ ލައިން ވިޕެއް ވަނީ ނެރެފައެވެ.