ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ޖަލްސާ ދާދި ދެންމެއަކު ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރުން އެކަންޏެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓަވާނީ އަފީފް ކަމަށެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:

  • ނަޝީދަށް ޖުމްލަ 30 މިނެޓު (ބަހުސް ފެށުމުން، މެދުތެރެއިން، އަދި ނިމުމުން 10 މިނެޓު)
  • ކޮންމެ މެންބަރަކަށް ތިން މިނެޓު
  • ބަހުސަށް ޖުމްލަ ތިން ގަޑިއިރު

ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހުގައެވެ. 54 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި އެ މައްސަލަ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އަނބުރާ ގެންގޮސްފައެވެ.

އެކަމަކު 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ ނަޝީދުގެ މައްސަލަ މިދިޔަ މަހުގެ ނުވަވަނަ ދުވަހު މަޖިލީހަށް އަލުން ހުށަހަޅައިފައެވެ. އެ މައްސަލައިގެ ނޯޓިސް އޭގެ ތިން ދުވަސް ފަހުން ފޮނުވައި މިދިޔަ މަހުގެ 29 އަށް ޖަލްސާ ތާވަލުކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ޖެހުނީ ކެންސަލްކުރާށެވެ.

އެހެންވެ، އެމްޑީޕީން ވަނީ، އީވާ ނެތި ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހަޅައިފައެވެ. މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސް ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އަންގައި ހުކުމްކޮށްފައެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރަކު ރިޔާސަތުން އައްޔަނުކުރަން ވާނެއެވެ. އެގޮތުން ރިޔާސަތުން މެންބަރުން އައްޔަނުކުރުމުގައި އިސްކަންދޭން ވަނީ މަޖިލީހަށް އެ މެންބަރަކު މެދުނުކެނޑި ހިދުމަތްކުރެއްވި މުއްދަތަށް ކަމަށާއި، މެންބަރުންގެ މުއްދަތު ހަމަހަމަ ނަމަ އުމުރުގެ ގޮތުން ދޮށީ ބޭފުޅަކަށް އިސްކަން ދޭން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވީ، ނަޝީދުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ތްރީ ލައިން ވިޕެއް ވަނީ ނެރެފައެވެ.