1965 ވަނަ އަހަރު މުސްލިމް އާއިލާއަކަށް އުފަން ޝާހްރުކް ހާން ޅައުމުރު ހޭދަކުރީ އޭނާގެ އުފަން ސިޓީ ނިއު ދިއްލީގައެވެ. ކޮލަމްބާ ސްކޫލުގައި ތައުލީމް ހާސިލްކުރި ޝާހްރުކް ހާނަކީ ވަރަށް ކުޅިވަރަށް ލޯބިކުރި މީހެކެވެ. ހޮކީ އަދި ފުޓްބޯޅައަކީ އޭރު ޝާހު އެންމެ ގަޔާވާ ދެ ކުޅިވަރެވެ. ބޮޑުވެގެން މޮޅު ކުޅުންތެރިޔަކަށް ވުމަށް ޝާހު ހުވަފެން ދުށްޓެވެ. ނަމަވެސް ކުޅުމުގެ ތެރެއިން ކޮނޑަށް ލިބުނު ގެއްލުމަކާއެކު އޭނާއަށް އެ ހުވަފެން ހަގީގަތަކަށް ހެދޭނެ މަގު ބަންދުވިއެވެ. އޭގެ ފަހުން ޒުވާން އިރު ޝާހު އެކްޓުކުރުމަށް ޝައުގުވެރިކަން އުފެދުނުއިރު ސްޓޭޖުތަކުގައި ވެސް އޭނާ ވަނީ އޭނާގެ އެކްޓިން ދައްކާލާފައެވެ. ދިލިޕް ކުމާރު، އަމީތާބް ބައްޗަން އަދި މުމްތާޒް އަކީ ޝާހުގެ ފޭވަރިޓް އެކްޓަރުންނެވެ.
އިކޮނޮމިކްސް އިން ބެޗެލާސް ޑިގްރީ ހާސިލްކުރިނަމަވެސް އޭނާ ގިނަ ވަގުތު ހޭދަކުރީ ދިއްލީގައި ތިބި ތިއޭޓާ އެކްޝަން ގްރޫޕާއެކުގައެވެ. މާސް ކޮމިއުނިކޭޝަން އިން މާސްޓާސް ހަދަމުން ގެންދިޔަ ޝާހު ކިޔެވުން ދޫކޮށްލުމަށްފަހު ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އަށް ވަނެވެ. އެކްޓަރު އެންމެ ފުރަތަމަ ކުޅުނީ ޑްރާމާ ސިލްސިލާއެކެވެ. އެއީ "ދިލް ދަރިޔާ" އެވެ. 1988 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ވަތް ޝާހްރުކް 1991 ވަނަ އަހަރާ ހަމައަށް މަސައްކަތްކުރީ ޓީވީ ސިލްސިލާ ތަކުގައެވެ. 1991 ވަނަ އަހަރު ދިއްލީ ދޫކޮށް މުމްބާއީ އަށް ޝާހްރުކް ހިޖުރަކުރީ ބޮލީވުޑް ފިލްމުތަކަށް ބޮޑަށް ފޯކަސްކުރުމަށެވެ. އެގޮތުން އެކްޓަރަށް އެންމެ ފުރަތަމަ ލިބުނު ހުށައެޅުމަކީ ހެމާ މާލިނީގެ ފުރަތަމަ ޑައިރެކްޝަން "ދިލް އާޝްނާ ހޭ" އެވެ. ނަމަވެސް ޝާހު ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމަކަށްވީ "ދީވާނާ" އެވެ. އެއީ ޖެހިގެން އައި އަހަރެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ދެގޮތެއް ނުވެ ޝާހްރުކް އަންނަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަމުންނެވެ.
ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ޝާހްރުކް ހާން ގެ އެކްޓިން ދާއިރާގައި އެންމެ ގިނަ ހުށައެޅުންތައް ލިބުނީ ބަތަލާ ކާޖޮލް އާއެކު "ބާޒީގަރު" ކުޅުނު ފަހުންނެވެ. އެ ފިލްމުގައި ޝާހްރުކް ނުބައި ބައި މީހެއްގެ ރޯލު ކުޅުނުއިރު މި ފިލްމަކީ ކާޖޮލް ބޮލީވުޑަށް ތައާރަފްވި ފިލްމުވެސްމެއެވެ. މި ފިލްމުން ޝާހު އަށް ފިލްމުފެއާ އިން ދޭ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވަނީ ލިބިފައެވެ. 1995 ވަނަ އިން 1998 އަށްވަނަ އަހަރުގެ ނިޔަލަށް ޝާހްރުކް ބޮލީވުޑްގެ ޑައިރެކްޓަރުންގެ މެދުގައި މަޝްހޫރުވިއެވެ. އޭނާގެ ޑިމާންޑު ބޮޑުވިއެވެ. ޝާހު ލައްވައި ރޮމޭންޓިކް ޖޯންރާގެ ފިލްމުތައް ކުޅުވިއެވެ. އެ އަހަރުތަކުގައި ނެރުނު ހުރިހާ ފިލްމެއްވެސް ކާމިޔާބުވިއިރު ކެރިއަރުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނީ ފިލްމު "ބާދްޝާހް" އިންނެވެ. އެއީ 1999 ވަނަ އަހަރުއެވެ. އެގޮތުން ޝާހު ޖެހިގެން އައި އަހަރު ކުޅުނު "ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" ވެސް ވެގެންދިޔައީ ފްލޮޕަކަށެވެ. އޭގެފަހުން އެކްޓަރު ކުޅުނު ހުރިހާ ފިލްމުތަކެއް ބޮޑު ހިޓަކަށްވެގެންދިޔައިރު އޭނާގެ ފިލްމުތައް ވައިގައި ހިފިއެވެ. އެ ޒަމާނުގެ އެންމެ ރީތި ފިލްމުތަކަށްވެގެން ދިޔައީ "ކުޗް ކުޗް ހޯތާ ހޭ"، "ވީރް ޒާރާ" އަދި "ކަބީ އަލްވިދަނާ ކެހެނާ" އެވެ.
އޭގެފަހުން 2010 ވަނަ އަހަރު އެކްޝަން އަދި ކޮމެޑީ ބައެއް ފިލްމުތައް އެކްޓަރު ކުޅުނެވެ. ޒަމާންގަނޑަކަށްފަހު އެންމެ ގާތް އެކުވެރިޔާ ކާޖޮލް އާއެކު ކުޅުނު "ދިލްވާލޭ" ވެގެންދިޔައީ 2015 ވަނަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އޭގެ ފަހު ކާމިޔާބު ފިލްމުތަކެއް ޝާހު ކުޅެދިނެވެ. އެއީ ރައީސް އަދި ޖަބް ހެރީ މެޓް ސޭޖަލް ފަދަ ފިލްމުތަކެވެ. ކެރިއަރުގެ އެންމެ ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒީރޯ" އިންނެވެ. ދެ ބިލިއަން އިންޑިއަން ރުޕީސް ހަރަދުކޮށްގެން އުފެއްދި މި ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތާ ޝާހް ދުރުވިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ޖެހިގެން އައި އަހަރު ކޮވިޑް ވަބާ މުޅި ދުނިޔެއަށް ފެތުރުނެވެ.
ހަތަރު އަހަރުފަހުން ބޮޑު ސްކްރީނުން ޝާހްރުކް ހާން މިއަހަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ ދީޕިކާ ޕަޑުކޯން އާއެކު "ޕަތާން" އިންނެވެ. އެ ފިލްމަށް ވަނީ 130 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިއަހަރު އޭނާގެ ދެވަނަ ފިލްމު "ޖަވާން" ނެރުނެވެ. ތަފާތު ތިން ލުކެއްގައި އެކްޓަރު ފެނިގެންދިޔަ މި ފިލްމު ވެގެންދިޔައީ "ޕަތާން" އަށް ވުރެ ވެސް މާ ކާމިޔާބު ފިލްމަކަށެވެ. އެ ފިލްމަށް 140 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނުއިރު މިހާރު ގިނަ ބަޔަކު އިންތިޒާރުކުރަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ "ޑަންކީ" އަށެވެ. މި ފިލްމަކީ މިއަހަރު ރިލީޒްކުރާނެ ޝާހުގެ އެންމެ ރީތި ފިލްމުކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮންމެއަކަސް ޝާހްރުކް ހާން އަކީ ވާސަޓައިލް އެކްޓަރެކެވެ. ކޮންމެ ރޯލެއް ކުޅެން ލިބުނަސް ބެލުންތެރިން އޭނާގެ ޖާދޫގައި ޖައްސާނުލާ ދޫކޮށެއް ނުލާނެއެވެ. ޝާހްރުކްގެ އުމުރުން 58 އަހަރުވެގެންދިޔަ ނަމަވެސް ގިނަ ބަޔަކަށް އަދިވެސް އެންމެ ކަމުދަނީ އޭނާއެވެ. ޝާހު އުޅޭ ފިލްމެއް ނަމަ އެ ފިލްމެއްގެ އިހުސާސްވެސް ތަފާތީއެވެ. އޭރުވެސް މިހާރުވެސް ޝާހްރުކްހާން ވަރެއް ނެތެވެ.