"އޭރު އެންމެ ކަމުދާ ތަރިއަކީ ވަލީދާ ވަލީދު. އެއީ އެކްޓްކޮށްފައި ވަރަށް ގަދައަށް ވަލީދާ ނަށާތީ. ދެން ގުރޭޑު 1 ގައި ކުލާސް ޓީޗަރު އެހީ ބޮޑުވެގެންވާން ބޭނުންވަނީ ކާކަށްހޭ. ބުނީމަ ބުނިން ބޭނުންވަނީ ވަލީދާ ކަހަލަ އެކްޓްރެސް އަކަށޭ ވާން،" ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން އުފެދިގެން އައި ގޮތާ ގުޅޭގޮތުން ސުވާލުކުރުމުން ތާތި އާދަމް ބުންޏެވެ.

ވާހަކަ ދައްކަން ނުފަށާއިރުން ފެށިގެން ވެސް ގޭގައި އަބަދުވެސް ހިންދީ ފިލްމު އަޅުވާފައި ހުންނަ ކަމަށާއި އޭރު އަބަދު ހިންދީ ފިލްމުތައް ބަލަމުން އަންނަ ކަމަށް ތާތި ބުންޏެވެ. އެއީ އޭރު ވެސް އެންމެ ކުރާ ހިތްވާ ކަންތައް ކަމަށާއި އަބަދުވެސް ޓީވީއެމް އިން ފިލްމުތަކާ ލަވަތައް ފެންނާތީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކަމަށްވެސް ބަތަލާ ބުންޏެވެ. މިއީ މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތް އިލްޔާސް ވަހީދު (އިއްލެ)ގެ ފިލްމު "ފްރީ ޑެލިވަރީ" ގައި ބަތަލާގެ ރޯލު ކުޅޭ ތާތި އާދަމް ވާހަކަ ފެށި ގޮތެވެ. ތާތި ބުނީ އޭރު ގިނަ މީހުން ދެކެނީ އެކްޓިން ދާއިރާ އަކީ ވަރަށް ކަޑަ ޕްރޮފެޝަނެއްގެ ގޮތުގައި ކަމަށެވެ. ބަތަލާ ބުނީ ކުރިން ސްކްރީނުން ނުފެންނައިރު ވެސް އޯވާތިންކް ކުރެވެނީ ކިތަންމެ މޮޅު އެކްޓިން އެއް ދެއްކި ނަމަވެސް ބެލުންތެރިން ބަލައިނުގަނެފާނެތީ ކަމަށެވެ. ނަމަވެސް "ފްރީ ޑެލިވަރީ" މިހާރު ސްކްރީން އިން ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިހާތަނަށް ފިލްމު ބެލި މީހުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮޮމެންޓްސް ލިބެމުން އަންނަ ކަމަށެވެ.

ފްރީ ޑެލިވަރީގެ ޑައިރެކްޓަރު އިއްލެ އާއި ތާތި ފިލްމުގެ ތަރިންނާއެކު--

"އެ މީހުން ބުނީ ހީވެސް ނުވެޔޭ ފުރަތަމަ ފިލްމުހެން ވެސް. އެހެން ބުނީމަ އަސްލު ވަރަށް އުފާވޭ،" ތެދެކެވެ. ތާތި ބޮޑު ސްކްރީނުން މިފެނުނީ އަލަށެވެ. ފިލްމު ބަލަމުން ދިޔައިރު މިއީ މުޅިން އާ ތަރިއެކޭ ވެސް ހިތަކަށް ނާރައެވެ. ތާތިގެ މޮޅު ހުނަރު ފެނި އޭނާ އަކީ ވެސް މި ދާއިރާގައި ފުންނާބު އުސް ތަރިންނާ ވާދަކޮށްލެވޭނެ ފަދަ ފެންވަރުގެ ތަރިއެއްކަން ހާމަވިއެވެ. އޭނާ ސާބިތުކޮށްދިނީ އާ ތަރިއެއް ނަމަވެސް ހިތްވަރު ހުރިނަމަ އެކްޓްކުރެވިދާނެ ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރު އިއްލެ ބުނީ ތާތި އަކީ ވަރަށް ޑެޑިކޭޓެޑް އެކްޓްރެސް އެއް ކަމަށާއި ކޮންމެ މަސައްކަތެއް ކުރިނަމަވެސް އެކަމައިގެން ތާތި އުޅޭ ކަމަށެވެ. ބަތަލާ އަކީ އަމިއްލަ އަށް އެންމެ ފުރިހަމައަށް މަސައްކަތްކުރެވޭތޯ އަބަދުވެސް ބަލަމުން އަންނަ ތަރިއެއް ކަމަށާއި ކެރެކްޓާ އަށް ތައްޔާރުވެ އެ ކެރެކްޓާ ޑެލިވާކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް އިއްލެ ވަނީ ބުނެފައެވެ.

"އެންމެ ފުރަތަމަ ތާތި އާއެކު މަސައްކަތްކުރީ މަޒްލޫމްގައި. އޭގައި އިއްލެ އިންނާނެ އެއް ސަފްހާ އާއި ބައިވަރުގެ އެއް ޑައިލޮގް ރަވީ ކައިރީ އިނދެ ރޮމުން ކިޔަންޖެހޭ. އޭތި ހަމަ ތާތި ދަސްކޮށްފައި ހުރިވަރުން އެއް ބުރުން ކެމެރާ މޫވްވެސް ނުކޮށް ކަޓްވެސް ނުކޮށް ނަގާފައި އިންނާނީ. އެއިންވެސް ތާތި ޑެޑިކޭޝަން ދައްކާ މިންވަރު އެނގޭ،"

ބަތަލާ ތާތި---

އިއްލެ ބުނީ އެހެން މީހުންގެ މަސައްކަތްތައް ލުއިކޮށްދެވޭތޯ ތާތި އަބަދުވެސް ބަލާ ކަމަށާއި އޭނާ އަކީ މިހާތަނަށް އިއްލެ މަސައްކަތްކުރި އެންމެ މޮޅު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓްރެސް އެއް ކަމަށެވެ. ތާތި އަކީ ކޮންމެ ކެރެކްޓާއެއްވެސް ކުޅެވޭނެ ވަރުގެ ތަރިއެއް ކަމަށާއި "ބަވަތި" އިން ފެށިގެން އޭނާ އާއެކު މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އިއްލެ ވަނީ ބުނެފައެވެ. ތާތި ވަނީ ފިލްމު ބަވަތި، ނީނާ އަދި ފްރީ ޑެލިވަރީގެ ޕްރޮޑަކްޝަން މެނޭޖަރަކަށް މަސައްކަތްކޮށްފައެވެ. ބަތަލާ އަކީ ޓީމަށް ބޮޑު ބައެއް ކުޅޭ ތަރިއެއް ކަމަށާއި ކިރިޔާ ކަމަކަށް ހިޔާލެއް ބޭނުންވިޔަސް އެންމެ ފުރަތަމަ ދެވެނީ ތާތި ގާތަށް ކަމަށް އިއްލެ ވަނީ ބުނެފައެވެ.

ޝޫޓިން ތެރޭ އެންމެ އުނދަގޫވީ ކޮން ސީންއެއް ކުޅެންތޯ ސުވާލުކުރުމުން ތާތި ބުނީ ރައުފަތު ގޮވައިގެން ސައިކަލް ދުއްވަން ކަމަށެވެ. އިއްލެ ސްކްރިޕްޓް ލިޔަމުން ވެސް ރައުފަތު ގޮވައިގެން ސައިކަލް ދުއްވޭނެތޯ ސުވާލުކުރުމުން އޭނާ ގޮވައިގެން ސައިކަލް ދުއްވޭނެއޭ ބުނި ކަމަށް ތާތި ބުންޏެވެ. ބަތަލާ ބުނީ އަސްލު ދުއްވިދާނެކަމަށް ހީނުކުރާ ކަމަށާއި އެހެންވެ ޑްރައިވިން ކުލާސްތަކަށް ދާން ފެށި ކަމަށެވެ. ނަަމަވެސް ތާތި ކުރުކަމުން ބިމުގައި ރަނގަޅަށް ފައި ނުޖެހޭތީ ރައުފަތު ގޮވައިގެން ދުއްވަން އުނދަގޫވި ނަމަވެސް މިހާރު ކުރިއަށްވުރެ ކޮންފިޑެންޓް ކަމަށެވެ. "ފްރީ ޑެލިވަރީ" އަކީ ޑާކް ކޮމެޑީއަކަށްވުމުން ޝޫޓިންގެ ކޮންމެ ރެއެއްވެސް ވަރަށް މަޖާކޮށް ކުރިއަށް ދިޔަ ކަމަށާއި އެންމެ މަޖާވީ މަގުމަތީ ދުވަމުން ގޮސް ރައުފަތު ގައިގައި އައިޝާ ވިއްސައިގެން ދިޔަ ސީން ކުޅުނުއިރު ކަމަށް ތާތި ބުންޏެވެ.

"ޝޫޓިންތެރޭ އަބަދުވެސް އިއްލެގެ އެހީތެރިކަން ލިބޭނެ އިއްލެ ސީދާ ބޭނުންވާ ގޮތަށް އެކްޓުކުރަން. ދެން އިފްނާޒް ގެ އެހީތެރިކަން އަބަދުވެސް ސީންތައް ފަރިތަކުރާއިރުގައި ލިބޭ. އަދި ދިގު ޑައިލޮގުތައް ދަސްކުރާއިރުގަ ވެސް. އިފްނާޒް އަކީ އެއްވަނަ،" ބަތަލާ ބުންޏެވެ.

ފިލްމަށް ކުރާ އުންމީދަކީ ކޮބައިތޯ ސުވާލުކުރުން ތާތި ބުނީ މި ފިލްމަކީ ގިނަ ބަޔަކު ހެއްވާލާ، ބެލުންތެރިން އުފާކޮށްދޭ ފަދަ ފިލްމަކަށްވާން ބޭނުން ކަމަށެވެ. އަދި އަަލަށް ފިލްމީ ދާއިރާއަށް ނުކުތްނަމަވެސް ތާތި ގެ ހުނަރު ރަނގަޅުކަން ގިނަ ބަޔަކަށް ފެނި އެކަން ގަބޫލުކުރަން ބޭނުންވާ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ. އަބަދުވެސް ކުޅެލަން ބޭނުންވަނީ އެކްޝަން ސުޕަހީރޯ ރޯލެއް ކަމަށްވީނަމަވެސް ރާއްޖޭގައި އަދި އެފަދަ މާކެޓެއް ނެތް ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން އެކަން ވާނެކަމަށް އުންމީދު ކުރާ ކަމަށް ތާތި ވަނީ ބުނެފައެވެ.

ފްރީ ޑެލިވަރީގެ ޕްރިމިއާ ނައިޓްގައި ތާތި އާއި އޭނާގެ ފިރިމީހާ އިފްނާޒް: އިފްނާޒް އަކީ އެއްވަނަ ކަމަށް ތާތި ބުނޭ---

ބަތަލާ ތާތި މިވަގުތު މަސައްކަތްކުރަމުން އަންނަނީ އައިފިލްމްސްގެ "ކަންބަޅި"ގެ މަސައްކަތެވެ. މި ފިލްމުގައި ޕްރޮޑަކްޝަން މެނޭޖަރު ގެ އިތުރުން އޭނާ އެކްޓްވެސް ކުރާނެއެވެ. ކުރިއަށް އޮތްތަނުގައި ޑައިރެކްޓަރު ޑެޓްރީގެ ފިލްމު "ލަސްވިޔަސް" އިން ވެސް ތާތި ފެނިގެންދާއިރު އަދި ނަން ހާމަނުކުރެވޭ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ތާތި އަންނަނީ ކުރަމުންނެވެ. އެ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.

"މިހާރު ޝޫޓްކުރަމުންދާ ކަންބަޅި ގައި ވެސް ތާތިގެ ސީންސްތަކެއް އެބަހުރި. އޭގައި ވެސް ތާތި ޕްރޮޑަކްޝަން އާ ހުރިހާ ކަމެއް ހޭންޑްލްކުރަމުން އެދަނީ. އިއްލެ ޝަކުވާކުރަންޖެހޭ އެއްވެސް ކަހަލަ ކަމެއް ތާތިގެ ސައިޑަކުން ނާންނާނެ. އެކްޓްރެސް އެއްގެ ގޮތުގައި ތާތި ސިފަކުރާނީ އިންޑަސްޓްރީގައި ވަރަށް ކުރިއަރައިގެންދާނެ ބަތަލާއެއްގެ ގޮތުގައި،" އިއްލެ ބުންޏެވެ.

"ފްރީ ޑެލިވަރީ" އިން ތާތި ޑެލިވާކޮށްދިން އެކްޓިން ކިތަންމެހާވެސް ފުރިހަމައެވެ. ފިލްމީދާއިރާގެ އެންމެ އުސްތަރިންނާ ފައިތިލަ ސާބިތުކޮށްލެވޭނެ ފެންވަރުގެ ޕޮޓެންޝިއަލް ތާތިގެ އެބަހުއްޓެވެ. އުންމީދަކީ ބެލުންތެރިންނަށްވެސް ތާތިގެ ހުނަރު ފެނިގެން ދިޔުމެވެ. ފިލްމީ ދާއިރާގެ އުސް ހަރުފަތަކަށް ތާތި ދިޔުމެވެ.