އިންސާނިއްޔަތުކަމަކީ ކޮންމެ މުޖުތަމައެއްގެ ވެސް އެންމެ މުހިންމު އަސާސެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މިގޮތުން، ކޮންމެ އަހަރަކުވެސް ފާހަގަކުރާ "ބައިނަލްއަގްވާމީ އިންސާނީ އެހީދޭ ދުވަސް" ނުވަތަ "ވޯލްޑް ހިއުމަނިޓޭރިއަން ޑޭ" އަކީ، އެހެން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ހިތްވަރުގަދަ އެހީތެރިންގެ ހިދުމަތް ފާހަގަކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ބާރުއަޅާ މުހިންމު ދުވަހެކެވެ.
މިއީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރުމުގެ މަތިވެރި އިސްލާމީ އަދި އިންސާނީ ރިވެތި އާދަ މުޖުތަމަޢުގައި އާލާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށްވާއިރު މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އިންސާނީ އެހީދޭ ދުވަހާ ގުޅިގެން ކިޔުންތެރިންނަށް މި ގެނެސްދެނީ، ދިވެހީންގެ ތެރޭގައި ހިމެނޭ އެފަދަ ނަމޫނާ ކަނބަލެއްގެ ވާހަކައެވެ. މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ފާތިމަތު ރިޝްމާ (ރިޝް) އަކީ އިންސާނީ އެހީއަށް އެދި ގައުމު ގޮވާލާ ކޮންމެ ފަހަރަކުވެސް ފަސްޖެހުމެއްނެތި ނުކުންނަ ހިތްވަރުގަދަ ކަނބަލެކެވެ.
ޑިޕްލޮމާ އިން ސައިކޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ރިޝް، އެކި މަސައްކަތްތަކުގައި ވޮލެންޓިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާތާ މިއަހަރަށް މިއީ 25 ވަނަ އަހަރެވެ. އެހެންނަމަވެސް، ރަސްމީކޮށް އޭނާ އެމްއާރްސީއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މީހުންނަށް އެހީވުމަށް ލޯބިކުރާ ރިޝް އެހާ ގިނަ އަހަރު ދުވަހު ވޮލެންޓިއަރެއްގެ ގޮތުގައި ދެމިހުރުމުގެ އަސްލަކީ މި މަސައްކަތަށް އޭނާގެ ހިތުގައި އޮތް ލޯތްބެކެވެ. ހުސްވަގުތުތަކުގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ރިޝްއަކީ ކާމިޔާބު ވިޔަފާރިވެރިއެއްގެ އިތުރުން ލޯބިވާ މަންމައެއް އަދި ހީވާގި އަންބެއްވެސް މެއެވެ.
ރިޝް ފާހަގަކުރި ގޮތުގައި މީހުންނަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އޭނާ އެންމެ އިންތިޒާރުކުރާ އެއް ވަގުތަކީ ހައްޖުވެރިން ފުރާ ދުވަސްވަރެވެ. އެއާޕޯޓުގެ އެތެރެއާއި ބޭރުގައި އެ ފަރާތްތަކަށް ހިދުމަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ހާއްސަ އުފަލެކެވެ.
"ހައްޖާޖީން ފުރާ ދުވަސްވަރު އެއާޕޯޓު ތެރޭގައި އުޅޭނެ އެހީތެރިކަން ބޭނުންވާ ދައްތަމެންނާއި ބޭބެމެން. އެ މީހުންނަށް އެހީތެރިވެ، މަގު ދައްކާދީ ހެދުމަށް ލިބޭ އެ ފުރުސަތަކީ ވަރަށް ހިތްހަމަޖެހިގެން ކުރާ މަސައްކަތެއް،" މޫނުމަތިން ފެނުނު ބޮޑު ހިނިތުންވުމާއެކު ރިޝް ކިޔައިދިނެވެ.
ވޮލެންޓިއަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ނަމަވެސް، ރިޝް އެމްއާރްސީއާ ގުޅެން މެދުވެރިވީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ކުރިމަތިވި ބޮޑު ކާރިސާއަކާ ގުޅިގެންނެވެ. އެއީ 2019 ވަނަ އަހަރު ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރޯވެ، ކޮންޓްރޯލް ނުކުރެވި 7 އިމާރާތަކަށް އަލިފާން ފެތުރިގެން ދިޔަ ހިތާމަވެރި ހާދިސާއެވެ. 100 އެއްހާ މީހުން ހާލުގައި ޖެހި، އެކަކު ނިޔާވި މި ބިރުވެރި ހާދިސާގައި އެމްއާރްސީގެ ވޮލެންޓިއަރުން ދެއްކި ހިތްވަރަކީ އެ ޖަމިއްޔާއާ ގުޅުމަށް އޭނާގެ ހިތުގައި އޮތް ޖޯޝް އެތައް ގުނައަކަށް އިތުރުކޮށްދިން ސަބަބެވެ.
އެ ދުވަހުގެ ބިރުވެރި ތަޖުރިބާ ހިއްސާކުރަމުން ރިޝް ބުންޏެވެ: "އަޅުގަނޑުގެ އާއިލާ މީހުން އަލިފާނުގެ ތެރޭގައި ތާށިވި ވަގުތު ވަރަށް 'ހެލްޕްލެސް'ވި. އެކަމަކު އަޅުގަނޑަށް އެދުވަހު ފެނުނީ ރަތް ކުލައިގެ ވެސްޓްތަކެއް ލައިގެން ތިބި ބަޔަކު އެހީވަމުންދާ މަންޒަރު. އެ ވަގުތަކީ ކިޔައިދޭން އުނދަގޫ އިހުސާސެއް ކުރެވުނު ވަގުތެއް. އެކަމަކު އެ ވަގުތު ރެޑް ކްރެސެންޓް މީހުން އެހީވުމުން އަޅުގަނޑުގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނު."
އެ ހާދިސާއަށްފަހު އެމްއާރްސީއާ ގުޅި ލިބުނު ފުރުސަތުތަކުގައި ދިރިއުޅުމުގެ އެތައް އާ ފިލާވަޅުތަކެއް ދަސްވިކަން ފާހަގަކުރަމުން ރިޝް ބުނީ، މިހާރު ކޮންމެ ވަގުތަކު ކޮންމެ ފަދަ ހާދިސާއެއް ދިމާވި ނަމަވެސް ޖެހިލުމެއްނެތި އެހީތެރިވުމަށް އޭނާގެ ނަފްސު އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށެވެ.
މި ދާއިރާއަށް ގިނަ އަދަދެއްގެ ޒުވާނުންގެ ޝައުގުވެރިކަން ހުރިކަން ފާހަގަކޮށް، ދަރުމަވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ރިޝް ވަނީ ދައުވަތު އަރުވާފައެވެ. ވަޒީފާއެއް އަދާކުރުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި މިފަދަ މަސައްކަތްތަކުގައި ބައިވެރިވުމަކީ ހިތަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭނެ ކަމެކެވެ. ރިޝް ގަބޫލުކުރާ ގޮތުގައި އުޖޫރައެއް ނުވަތަ މާއްދީ ފައިދާއަކަށްވުރެ، އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ކަމަކުން ލިބޭ ރޫހާނީ ހަމަޖެހުމާއި އުފާ މާ ބޮޑެވެ.
މީގެއިތުރުން ދަރުމަވެރިއަކަށް ވުމަކީ އަމިއްލަ ނަފްސަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން ފަސްޓް އެއިޑް (ފުރަތަމަ އެހީ) ފަދަ މުހިންމު ކަންކަން ދަސްވެފައި ހުރުމަކީ، ތިމާގެ ގާތް ރަހުމަތްތެރިއަކަށް ނުވަތަ އާއިލާ މީހަކަށް ކުއްލި އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި ފަރުވާ ދިނުމަށް ތައްޔާރަށް ހުރުމަށް އެޅޭ ބާރެކެވެ. ކޮންމެ ފުރާނައަކީ ވެސް އަގުހުރި އެއްޗެއްކަން ފާހަގަކުރަމުން، ދަތި ކާރިސާތަކުގެ ވަގުތުގައި އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އެމްއާރްސީއާ ގުޅުމަކީ ރިޝްގެ ވަރަށް ބޮޑު އެދުމެކެވެ.
ބައިނަލްއަގްވާމީ އިންސާނީ އެހީދޭ ދުވަހުގެ އިހުލާސްތެރި ހެޔޮއެދުންތައް ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަމުން ރިޝް ވަނީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރި އަދި އެއްބައިވަންތަ ބަދަހި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
