އަލަށް ހަވާލުވާ ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އެއްބާރުލުން ދެއްވުމަށާއި، ސަރުކާރުން ކަންކަން ކުރަނީ ފައިދާހުރި ނޫން ގޮތަކަށް ކަމަށް ވަންޏާ ރަނގަޅުކުރައްވަން ހުރި ކަންކަން ދެންނެވުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި އަންނަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާކުރައްވާ މުއިއްޒު ވިދާޅުވީ، އެއް ޕާޓީ އަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ، ޕާޓީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޕާޓީތަކުގެ އިސްވެރިން ގައުމުގެ މަސްލަހަތު އިސްކުރެއްވުން މުހިންމުކަމަށެވެ.

"...'އެންމެ ފުރަތަމަ ގައުމު' އެއި ބުނެލާ ޖުމްލައަކަށް ނަހަދަންވީއޭ، ޕާޓީގެ މަސްލަހަތު، ޕާޓީތައް އުފައްދަނީ ކޮން ބޭނުމެއްގަ ކަން ވިސްނާވަޑައިގެން ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރައްވާށޭ ކޮންމެ ބޭފުޅަކު ވެސް،"
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އެއާއެކު މުއިއްޒު ވަނީ ޕާޓީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހަދައިދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ.

ހަމަ އެހެންމެ، އެމަނިކުފާނު ވަނީ، ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އެއްބާރުލުން ދެއްވުމަށް، އެންމެހާ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

"އެހެންވީމާ ކޮންމެ ޕާޓީއަކުން ވެސް އަޅުގަނޑު އެދެނީ އެ ޕާޓީއެއްގެ ލީޑާޝިޕުން މި ދެންނެވި ވިސްނުމުގައި މަސައްކަތްކުރައްވާށޭ، ދެން ސަރުކާރުން ކުރާ ކަމެއްގަ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ގޮތަކަށް ކުރާ ކަމަށް ފެނިވަޑައިގަންނަވަންޏާ އެކަމެއްގަ އެ ބޭފުޅުން އެ ކަން ކުރައްވާނެ ރަނގަޅު ގޮތް ރައްޔިތުންނަށް ހުށަހަޅުއްވާށޭ،" ޕީއެންސީގެ ވެސް ރައީސްކަން ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި މަގުން ކުރިއަށް ދިއުމުގައި އެއް ޕާޓީ އަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެހީތެރިކަން ދެއްވުމަށް ތައްޔާރު ކަމަށެވެ.