ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މިޝްކަތު ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިންގް ހަރަކާތުން 113،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

އައްޑޫ ސިޓީ ފޭދއަށް މިޝްކަތު ފައުންޑޭޝަނުން ބުނީ، އެހަރަކާތުން ޖުމްލަ 113،108.25 ރުފިޔާ އަދި 355 ޑޮލަރު ލިބިފައިވާ ކަމަށެވެ. މި ފައިސާ އެންމެ ލަސްވެގެން އާދިއްތަ ދުވަހާ ހަމައަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކުރާނެ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތްތައް އެ ޖަމީއްޔާއިން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ފަލަސްތީނަށް އެހީވުމަށް އައްޑޫގެ އެކި އަވަށްތަކުގައި ގިނަ ހަރަކާތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މި ހަރަކާތްތަކުން ވަނީ ގިނަ އަދަކަށް ފައިސާ ވެސް ވަނީ ހޯދާފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.