ސުޕްރީމް ކޯޓުން ހުކުމް އިއްވުމުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިސްނަވަނީ 'މަގާމުގައި ބައްދަވައިގެން އޮންނަވަން' ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ.

މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކެއް ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ އެކްސްގައި އެ ޗެޓްލޮގްގެ ފޮޓޯތަކެއް ހިއްސާ ކުރައްވާފައެވެ.

އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 7 ދުވަސް ވެފައި ވާއިރު، މި 7 ދުވަސް ވަންދެން މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިފަހައްޓަވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ.

އަދި ފަނޑިޔާރުންނަށް ވެސް ރައީސް ނަޝީދު ދޫ ނުދެއްވާ ކަމަށާއި، އެބޭފުޅުންނަށް ވެސް މަލާމާތް ކުރައްވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށް ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަން ޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާ ކުރެވޭ މައްސަލައިގެ ގަރާރު ހުށަހަޅާ ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަން ޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނު އަސާސީންނާއި ގާނޫނުން އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.