ގއ. ވިލިގިނލީގައި ހިންގި ރޭޕް މައްސަލައިގެ ދައުވާ 3 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މިއަދު އުފުލައިފިއެވެ.

ވިލިގިނލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަހަރުގެ ޖުލައި މަހު ފަހުކޮޅުއެވެ.

ޕީޖީން ބުނީ އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ:

  • ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޟާ
  • ގއ. ވިލިނގިލި ކެޔޮވިނަ އަހުމަދު ޝާލް
  • ގއ. ވިލިނގިލި މަލަސް މުހައްމަދު މާއިލް މިހާދުގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

އަދި ދައުވާ އުފުލާފައިވާ އިބްރާހީމް ރިޟާގެ ކުޑަ ކަމުދާ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވުމުން އޭނާގެ މައްޗަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއެކު އެނާގެ މައްޗަށް 3 ދައުވާ އުފުލާފައި ވެއެވެ.

ޕީޖީން އުފުލި ދައުވާގައި ބުނެފައި ވަނީ މި ތިން މީހުން އަންހެނަކު ރޭޕް ކޮށްފައި ވަނީ ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. އަދި މި ތިން މީހުންވެސް މި ވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެއެވެ. ޕީޖީން އުފުލާފައިވާ ދައުވާތައް މި ތިން މީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައިވެސް ރޭޕްގެ މައްސަލަ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އަދި ގެވެށި އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ބަންދުކޮށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ކަންބޮޑުވުންތައް ގިނައެވެ.