ނޮވެމްބަރު 12 ވާ އާދިއްތަ ދުވަހު، ރައްޔިތުން މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އާދިއްތަ ދުވަހަށް މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ޖަލްސާގެ އެޖެންޑާ މިރޭގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެއެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާއަށް ނަޝީދު ވަކިކުރުން އެޖެންޑާ ކުރާނެއެވެ.

މަޖިލީހުން ޖަލްސާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނި ކޮށެވެ.

އެމްޑީޕީން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން، އެ ހާލަތުގައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑައަޅައިދިނުމަށް އެދިއެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަންޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްނުގެންދެވުނު ނަމަވެސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުއޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.