އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރަކަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހޮވައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ އައިޕީޔޫގެ ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ޖިހާން އިންތިހާބުވެ ވަޑައިގެންނެވީ 2021ގައެވެ.

ޖީހާން އައިޕީޔޫގެ ކޮމިޓީގެ މުގައްރިރަކަށް ހޮވިވަޑައިގެންނެވިކަން މަޖިލީހުން މިއަދު ހާމަކޮށްފައި ވާއިރު، މިއީ މި ކޮމިޓީއަށް ރާއްޖެއިން އެ ކޮމިޓީއަށް ހޮވިވަޑައިގަތް ފުރަތަމަ މެންބަރެވެ.

އައިޕީޔޫގެ ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަކީ 18 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ. މި ކޮމިޓީގައި ކޮންމެ ޖިއޯޕޮލިޓިކަލް ގްރޫޕަކުން ތިން މަންދޫބުން ހިމެނޭއިރު އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދިރާސާކުރުމެވެ. އަދި ގަރާރުތައް ފާސްކޮށްގެން އަހަރަކު އެއް ފަހަރު ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ސިޔާސީ އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަަށް މަސައްކަތް ކުރުމެވެ.