މާލޭގެ ފިހާރައަކަށް ވަދެ، އެ ފިހާރައިގައި އިން ސޭޓަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުށީ، ސަލްވާ އުމުރުން 29 އަހަރުގެ ފާތިމަތު ޝަހުދާއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް އެ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. އެއަށްފަހު އެ މަހުގެ 23 ވަނަ ދުވަހު ބަންދުގެ މުއްދަތު ވަނީ އިތުރު 15 ދުވަހަށް އިތުރުކޮށްފައެވެ.

އެހެންނަމަވެސް މި މަހުގެ 7 ވަނަ ދުވަހު އޭނާ ބަންދު ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި، ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް އަންހެނަކު ވަދެ، އެ ފިހާރައިގައި ހުރި ސޭޓު ކައިރީ ފޯނެއް ދެއްކުމަށް އެދެއެވެ. ޖެހުނީ ކޮން މައްސަލައެއް ކަން ސާފުނުވި ނަމަވެސް، އަންހެން މީހާ ކޮންމެވެސް ކަމަކާ ނުރުހިގެން ޒުވާބު ކުރާ މަންޒަރު ފެނެއެވެ. އެއަށް ފަހު މީހަކު އާދޭތޯ ބެލުމަށް ފަހު ވާއަތު ޖީބުން ވަަޅި ނަގައި ސޭޓުގެ ކަރުގައި ވަޅި އަޅާ މަންޒަރު ވެސް ފެނެއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.