ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހާއްސަ ހޮސްޕިޓާލެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ބަޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހައިން ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ހޮސްޕިޓަލު ގާއިމުކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް މިހާރު ދެވޭ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިމުގެ ތެރެއިން ފުރަތަމަ ޕޭޝަންޓް ބޯންމެރޯ ޓްރާންސްޕްލާންޓްއަށް މިއަދު ފުރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ހަފްތާތަތަކެއްގެ ތެރޭގައި އިތުރު ކުއްޖަކުވެސް ބޯންމެރޯ ޓްރާންސްޕްލާންޓަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ކައިރި ރާސްތާއާއި މެދު ރާސްތާގައި ކުރުމަށް ހަމަޖެހިފައިވާ ބޭސްލިބުމުގެ މަގުފަހި ކޮށްދިނުމާއި އާސަންދައިގެ ތެރެއިން ޓެސްޓުތަކާއި އެކި އެކި ކަންތައްތައް މިހާރަށްވުރެ ފަސޭހައިން ފުޅާކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށެވެ.
ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ.